މާލޭގައި ޕިކަޕެއްގެ ތެރޭގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ހުތުރު ވައްތަރުތަކެއް ޖެއްސި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބުދަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އިން ފެންނަނީ ދުވާލުގެ ވަގުތެއްގައި ފިރިހެނަކު ޕިކަޕެއްގެ ތެރޭގައި އިށީނދެގެން ތިބެ ހަޑިހުތުރު ވައްތަރުތަކެއް ޖައްސާ ތަނެވެ. އެ ވައްތަރުތައް ޖައްސަމުން އޭނާ ލައިގެން ހުރި ފަޓުލޫނު ވެސް ބާލައެވެ.

ޕިކަޕްގެ ތެރޭގައި އިތުރު ފިރިހެނަކު ހުރި ނަމަވެސް، އެކަން ހުއްޓުވަން އޭނާ އެއްވެސް ކަމެއް ކުރާ ތަނެއް ވީޑިއޯއަކުން ނުފެނެއެވެ.