ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސް އަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕޯޓަލް "ރައްޔިތުންގެ އަޑު" ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ.

ރައީސް މި ޕޯޓަލް އިފުތިތާހުކޮށްދެއްވާފައިވަނީ ރޭ މާލޭގެ ސަލްޓަން ޕާކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދިޔަ 'އަހާ' ސިލްސިލާގެ ދެވަނަ ފޯރަމްގެ ތެރޭގައެވެ.

Ad
rt

މި ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ސަރުކާރުން މަސައްކަތްކުރައްވާނީ ރައްޔިތުންގެ އަމާޒަށް ވާސިލުވުމަށްކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް މަގުފަހިކުރަން ޖެހޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވަނީ، ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ޤާއިމުކުރަންކަމަށާއި، ކަންކަން ވާނުވާގައި އޮތުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ހަމައެއް ނޫންކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލްއަކީ، މި ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ޑރ. މުޢިއްޒު އިޢުލާނު ކުރެއްވި ކަމެކެވެ.

ރައްޔިތުންނާއި ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ގެންދަވަނީ ޢާއްމުކުރައްވަމުންނެވެ. އަދި 'އަހާ' ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދިއުމަށާއި، ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސް ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ވަނީ ފައްޓަވާފައެވެ.