ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ކެއުމާއި ވިއްކުން މަނާކޮށްފައި އޮތުމަށްފަހު އަލުން އެ ބޭސް ބޭނުންކުރުމުގެ ހުއްދަ އިއްޔެ ދީފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން އެންގީ 30 ޖެނުއަރީ 2024 ގައެވެ.
އެމްއެފްޑީއޭ އިން މިގޮތައް އެންގީ ރާއްޖެ އެތެރެކޮށް ވިއްކާ ކޮންމެ ބޭހެއްގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް، "ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން" އެއް ހަދައި އެ ޕްލޭން އާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގައި ބޭހުގެ ޓެސްޓްތައް އެ އޮތޯރިޓީން އަބަދުވެސް ހަދަމުން އަންނައިރު، އެގޮތަށް ހެދި ރެންޑަމް ސާމްޕަލްތަކެއްގައި ޕެނަޑޯލް ބޭސް ޓެސްޓްކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ އަދި ބޭސް ގުޅައިގެ ވަށައިގެންވާ ތަންތަނުން ނެއްޓިފައިވާކަން ފާހަގަކުރެވުމުންނެވެ.
ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި ބޭސް ބޭނުން ނުކުރަން އަންގައިފި
މި ބޭސް ރާއްޖޭގައި ވިއްކުމާއި ކެއުން މަނާކުރުމަށްފަހު އެމްއެފްޑީއޭ އިން ކުރިއަށްގެންދިޔަ ތަހުލީލުތައް ނިންމައި އެމްއެފްޑީއޭ އިން އިއްޔެ ނެރުނު ސަމާލުގެ މެސެޖުގައި ބުނީ ތަހުލީލު ރިޕޯޓްތަކުން ދައްކާ ގޮތުން "ޕެނަޑޯލް" ބްރޭންޑްގައި ހުންނަންޖެހޭ މިންވަރަށް (ކޮންޓިޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓްރެންތް ހުރިކަން ވަނީ ޔަގީންވެފައެވެ.
މި ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވީ ބޭސް އުފުލާ ގެންގުޅުމާއި ގުދަންކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުންކަން ބެލިބެލުމުން ފާހަގަކުރެވުނު ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މި މައްސަލަ ފާހަގަ ކުރެވުނު ބެޗް މިހާރު މާކެޓްގައި ނެތްކަންވެސް ވަނީ ކަށަވަރުވެފައި ކަމަށާއި، އިއްޔެއިން ފެށިގެން މި ބޭސް ވިއްކުމާއި، ބޭނުން ކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!