ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ކޮންމެ ބޭހެއްގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް، "ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން" އެއް ހަދައި އެ ޕްލޭން އާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގައި ބޭހުގެ ޓެސްޓްތައް އަބަދުވެސް ހަދާ ކަމަށެވެ. އެގޮތަށް ހެދި ރެންޑަމް ސާމްޕަލްތަކެއްގައި ޕެނަޑޯލް ބޭސް ޓެސްޓްކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ އަދި ބޭސް ގުޅައިގެ ވަށައިގެންވާ ތަންތަނުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އޮތޯރިޓީން ބުނީ އާންމު ގޮތެއްގައި އެފަދަ މައްސަލަ ދިމާވަނީ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ނުވަތަ، ބޭސް އުފެއްދުމުގައި ސަމާލުވާންވީ ކަންކަމަށް ނުބެލުމުން ކަމަށެވެ. މިފަދަ ބޭހެއް ބޭނުންކުރުމުން އޭގެ އަސަރު އެންމެ އެކަށީގެންވާ ގޮތަށް ނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޮތޯރިޓީން ބުނެފައިވެއެވެ. އެހެންވެ އެ ބޭހުގައި މައްސަލައެއް ވޭތޯ އިތުރަށް ބަލައި ދިރާސާކުރަމުން އަންނަކަމަށް ވެސް އޮތޯރިޓީން ބުނެފައިވެއެވެ.
އަދި ތަހުގީގު ނިމެންދެން ފާމަސީތަކުން ބޭސް ނުވިއްކުމަށް އެމްއެފްޑީއޭ އިން ވަނީ އަންގައިފައެވެ.އަދި މިވަގުތު ގުދަންކުރެވިފައިހުރި މި ބޭހުގެ ސްޓޮކް ވަކިކުރުމަށްފަހު ރައްކާކުރަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!