ފައިސާ ޗާޕްކުރުން ހުއްޓާލާނެކަން އެއީ މި ސަރުކާރުގެ އެންމެބޮޑު ވަޢުދު ކަމަށާއި، އެ ފިޔަވަޅު އެޅިގެން ދިޔުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ރާއްޖެ މިވަގުތު އޮތީ ވަރަށްބޮޑު އަނދަވަޅެއްގައި ކަމަށެވެ. އެކަން އެނގިވަޑައިގަންނަވާތީ އިންތިޚާބު ތެރޭގައި އިޤްތިޞާދީ އެޖެންޑާއެއް ހުށަހަޅުއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން ފައިސާ ޗާޕްކުރުން ހުއްޓާލާނެކަން އެއީ، އެންމެބޮޑު ވަޢުދު ކަމަށާއި، އަދި އެއީ އިޤްތިޞާދީ ގޮތުން ރާއްޖެ ކުރިއަށްދިޔުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅު ކަމަށް ރައީސް ވިދާޅުވިއެވެ.

''އަޅުގަނޑު ވަޢުދުވީގޮތަށް އެ ފިޔަވަޅު އެއޮތީ އަޅާފައި. އެއީކީއެއް ފަސޭހަ ކަމެއް ނޫން. މިއަދުވެސް ޤައުމުގެ ފިސިކަލް ޙާލަތު، މާލީ ޙާލަތު އޮތީ މި ދެންނެވި އަނދަވަޅުގައި އޮތުމުގެ ސަބަބުން ވަރަށް ނުރައްކާތެރި ހިސާބެއްގައި. އެހެން ނަމަވެސް، އެ ނުރައްކާ އިތުރަށް ބޮޑުވީސް، އިތުރަށް ފައިސާ ޗާޕް ކުރަމުން، އަޅުގަނޑުމެން ފަސޭހަގޮތް ޚިޔާރުކޮށްގެން ދިޔަނަމަ.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މިދިޔަ ސަރުކާރުން އޭގެ ކުރީ 40 އަހަރު ފައިސާ ޗާޕްކުރި އަދަދަށްވުރެ، އެ 5 އަހަރު ކުރިވަރު ގިނަ އިތުރަށް 8 ބިލިއަން ރުފިޔާގެ ފައިސާ ޗާޕްކޮށްފައިވާ ކަމަށެވެ.

''ފަސޭހަގޮތް ފަސޭހަ ނޫންތޯ. އެކަމަކު އަޅުގަނޑުމެން އެންމެންގެ ބޮލުގައި، އަޅުގަނޑުމެން ހުރިހާ އެންމެންގެ ދަރިންގެ ބޮލުގައި، އަންނަން އޮތް ޖީލުތަކުގެ ބޮލުގައި ދަރަނިއެޅި ނިމިފައި. އެގޮތް ކަމުނުދާތީ، އެގޮތް ރައްޔިތުން ބަދަލުކުރެއްވީ. އިޤްތިޞާދު ރަނގަޅުކުރަން ބޭނުންވާތީވެ.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފައިސާ ޗާޕުކުރަން ހުއްޓާލަން ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫންކަން މިއަދު މިކަމާއިގުޅޭ ބައިނަލްއަޤްވާމީ އިދާރާތަކުން އެ އިދާރާތަކުގެ ރިޕޯޓުތަކުގައި ފާހަގަކުރަމުން އަންނަ ކަމަށެވެ.