މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގާ ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާ ކަމަށެވެ.
މި ޕްރޮގްރާމަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތް، މާލޭ ސިޓީކައުންސިލް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ، މާލެސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލަތަކަށް ހައްލުހޯދުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތް، މާލޭ ސިޓީކައުންސިލް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއާއި ގުޅިގެން މާލެސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލަތަކަށް ހައްލުހޯދުމަށްޓަކައި
1/2 pic.twitter.com/LCzQCFxGZP— Ministry of Transport and Civil Aviation (@MoTCAmv) February 17, 2024
މާލެސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލަތަކަށް ހައްލުހޯދުމަށް އަލަށް ރަޖިސްޓްރީކުރެވޭ ވެހިކަލްތައް މަދުކުރުމަކީވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އަމާޒެކެވެ. ވެހިކަލް އެތެރެވުން ކޮންޓްރޯލް ނުކުރެވޭނަމަ މާލެ ސަރަޙައްދު މިހާރު އޮތް ޙާލަތުން މިއަށްވުރެ ނުރައްކާ ޙާލަތައް ހިނގައިދާނެކަމަށް އެ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީން މި އަހަރުގެ ޖެނުއަރީ މަހު ވަނީ ވިދާޅުވެފައެވެ.
މިގޮތުން ކުރިން ދުވާލަކު 200 އުޅަނދު ރަޖިސްޓްރީ ކުރި ކުރުން މިހާރު 25 އަށް ތިރިކޮށްފައިވާކަމަށް މާލޭ ސަރަޙައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 8 ޖެނުއަރީ 2024ގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ވިދާޅުވެފައެވެ.
މާލޭ ސަރަޙައްދަށް އެތެރެވާ އުޅަނދުފަހަރު ރެގިއުލޭޓު ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!