ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހެއްގެ އަތަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މިޔަރެއް ހަމަލާދީފައި ވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހަކަށެވެ.
"ރިހިވެލި" ނަމަކަށް ކިޔާ ޑިންގީއެއްގައި ދޮށި އުކައިގެން މަސް ބާނަން އުޅުނު އެ މީހާ ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އޭނާގެ އަތުގައި އަޅައި ވަނީ ޒަޚަމްކޮށްލާފައެވެ.
މިޔަރުގެ ހަމަލާގެ ސަބަބުން އެމީހާ ޒަޚަމްވެ ހާލު ދެރަވި ކަމަށާއި، އެހެންވެ އެ މީހާ އަށް ޞިއްޙީ އަވަސް ފަރުވާ ބޭނުންވާތީ އެ މީހާ އަށް ފަރުވާދިނުމަށް ގެންދަން ސިފައިން އެހީތެރިވިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ ރޭ 18:55 ހާއިރު އެވެ.
މި މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާސް "033 ލޯންޗު" ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސް، ރޭ 19:42 ހާއިރު ހާލުދެރަވި މީހާ، ރ.އުނގޫފާރަށް ގެންގޮސްދީފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!