ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް މި ސަރުކާރުން ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ" ގައި ކުރެއްވި ތަޤްރީރު ގައެވެ.

Ad
rt

މި ފޯރަމްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެ ދާއިރާ ކުރިއަރައިދިއުން މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

މިގޮތުން ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް މި ސަރުކާރުން ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ދެއްވުމާއެކު، މި ސަރުކާރުގެ ތަރައްޤީގެ ފަލްސަފާއަކީ ގުޅުންތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމާއި އަދި ނަތީޖާ ނެރެދިނުމަށް އަމާޒުހިފާފައިވާ ފަލްސަފާއެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓުތަކަށް ފަހި ކަންތައްތަކެއް ހިމެނޭހެން ރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދުތަކުގެ ވިއުގަތައް އަލުން ހިނގައިގަންނަ ގޮތް ހަމަޖައްސަވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އިންވެސްޓްމަންޓްތަކާ ގުޅޭ މުޢާހަދާތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ އަދި އިންވެސްޓްމަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭގޮތަށް ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޤާނޫނެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.