މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ، ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، ޝަރީޢާތުގެ ޚަރަދުގެ ގޮތުގައި އެ ޕާޓީއަށް 50،000ރ. ދައްކަން އީސީގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ހުކުމްކޮށްފިއެވެ.

އީސީން އެމްއާރުއެމް އުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީއެއްގައި ތިބުމަށް ލާޒިމްވާ ޤާނޫނީ އަދަދު، 3000 މެންބަރުންނަށްވުރެ އެ ޕާޓީގެ މެންބަރުންގެ އަދަދު ދަށްވުމުން 22 ފެބްރުއަރީ 2023 ގައި އެ ޕާޓީއަށް ތިން މަސްދުވަހުގެ ނޯޓިހެއް ދިނުމަށްފަހު، އެ މުއްދަތުގައި މެންބަރުން ހަމަނުކުރިކަމަށްބުނެ 24 މެއި 2023 ގައެވެ.

Ad
rt

އީސީގެ ނިންމުމާއެކު އެމްއާރުއެމުން ވަނީ އީސީ އާއި ދެކޮޅަށް ޖުޑީޝަލް ރިވިއުގެ މައްސަލައެއް ހުށަހަޅާފައެވެ.

މި މައްސަލާގެ ހުކުމްގައި ވަނީ އެމްއާރުއެމް އުވާލުމަށް އީސީން ނޯޓިސް ދިންއިރު އެ ޕާޓީގައި 2981 މެންބަރުން ތިބިކަން އެނގެން އޮންނަކަމަށާއި، އަދި ކޮންމެ މަހަކު މެންބަރުންނަށް އަންނަ ބަދަލު އެންގުމަށް އީސީގެ މައްޗަށް އޮތް ޒިންމާ އަދާނުކޮށް އޮތުމުން އެކަމުގެ ގެއްލުން އެމްއާރުއެމުން އުފުލަން ނުޖެހޭނެކަމަށް ބަޔާންކޮށް އެ ޕާޓީ އުވާލަން އީސީން ދިން ނޯޓިހަކީ ޤާނޫނާއި ޚިލާފް ނޯޓިހެއްކަމަށް ކަނޑައަޅާފައެވެ.

މީގެ އިތުރުން އެމްއާރުއެމުން އީސީއަށް ހުށަހަޅާފައިވާ މެންބަރުޝިޕް ފޯމްތައް ޕްރޮސެސްކުރުމުގައި އެކަށޭނަ ލަސްމިން ހުރިކަން އިނގެންއޮންނަކަމަށާއި، އެހެންވެ އީސީން މި ނިންމުން ނިންމާފައި ވަނީ އެމްއާރުއެމްގެ ދުސްތީރީ ހައްގާއި ޚިލާފަށް ކަމަށް ވެސް ހުކުމްގަވެއެވެ.

މި ހުކުމްގައި ވަނީ އެމްއާރުއެމް އުވާލަން އަންގައި، އެއްވެސް ދަރަންޏެއް ވާނަަމަ އެންގުމަށް އަންގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އީސީން ޝާޢިއުކޮށްފައިވާ ޢިއުލާން ނެގުމަށް ވެސް އަމުރުކޮށްފައެވެ.

އީސީން އެމްއާރުއެމް އުވާލަން ނިންމާފައި ވަނީ ޤާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ކަމަށް މި ހުކުމްގައި ކަނޑައަޅާފައިވާއިރު، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ އެމްއާރުއެމްއަށް 12 ފެބްރުއަރީ 2024 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ދެއްކުމަށް އީސީގެ މައްޗަށް މި ހުކުމްގައި އަމުރުކޮށްފަވެއެވެ.

އެމްއާރުއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ ޕާޓީއެކެވެ. އެ ޕާޓީގެ ރައީސް އަކީ އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން އެވެ.