އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް ވެރިއެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވެ، މީހުން ޖިހާދަށް ފޮނުވާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ކުށް ސާބިތުވި ޏ. ފުވައްމުލަކު، ކަރިއްޔާވިލާ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އަމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 27 އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.

Ad
rt

އޭނާގެ މައްޗަށް 27 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމާ އެކު ޖަލުގައި ހޭދަކުރަން ޖެހޭނީ 23 އަހަރެވެ.

މިދިޔަ އަންގާރަ ދުވަހު، އަމީންގެ ފަރާތުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން މިހާތަނަށް ގޮތެއް ނިންމައިފައެއް ނުވެއެވެ.

އައިއެސްއާ ގުޅުނު ކަމަށް ތުހުމަތުވާ އަމީން 27 އަހަރަށް ޖަލަށް

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. އެ މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ. އަދި ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ)އިން އެކުލަވައިލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސްއިން ހިންގަމުން އަންނަ ގޮތްޕަށް އަމީން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާއަށް ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.