ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ތަނަކަށް ހައްދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު މިއަދު ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން ކަމަށެވެ.

Ad
rt

އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން ޢަލީ ރަސްގެފާނުގެ ޖިހާދުން އެނގިގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ކާބަފައިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފައިވާ ކަމަށާއި، އަދި ދިވެހި ކާބަފައިން، ބޭރުގެ ބާރަކަށް ނަފާ ލިބޭގޮތަށް ކަޅު މުޙައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި، އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިންކަމަށް ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

''އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން.'' ރައީސް ވިދާޅުއެވެ.

ރައީސް ވިދާޅުވީ، އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާ އަބަދު ފެންނަމުންދާ ކަމަށެވެ. ފަލަސްޠީނަކީ އޭގެ މިސާލެއްކަން ފާހަގަކުރައްވައި، އެފަދަ ދުވަހެއް ''މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް ނޭދޭކަމަށް'' ރައީސް ވަނީ ވިދާޅުވެފައެވެ.

''އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަޚުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ މިއީ. ޤައުމަށް ތެދުވެރިވާށޭ! ދީނަށް ޙުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!'' ރައީސް ވިދާޅުއެވެ.