ދިވެހި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ، މަރިޔަމް މުހައްމަދު (މާޔަން) ފަތިހު ދުވަން ނުކުމެ އުޅެނިކޮށް އޭނާ ކަރުގައި އޮތް ރަން ފަށް ބަޔަކު ފޭރިގެންފި އެވެ.
މާޔަން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ، އޭނާ ހެނދުނު 6:15 ހާއިރު ހުޅުމާލޭ ކްލޭ ސްޓޭޑިއޯ މަގުން ދުވެފައި ދަނިކޮށް ސައިކަލެއްގައި އައި ދެމީހަކު އޭނާ ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ފިލާފައިވާ ކަމަށެވެ.
އެ މައްސަލަ ވަގުތުން ހުޅުމާލޭ ޕޮލިހަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް މާޔަން ވަނީ ބުނެފައެވެ.
''އެއްވެސް މީހަކު މިފަށް ވިއްކަން ނޫނީ އަޅައިގެން ހުއްޓާ ފެނިއްޖެއްޔާ އަންގާލަ ދިނުން އެދެން'' މާޔަން ބުނެފައެވެ.
މާޔަން އަކީ ރާއްޖޭގެ އަންހެން ގައުމީ ޓީމަށް ކުރިން ކުޅުނު ހުނަރުވެރި ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ވިމެން ފުޓްބޯލް ކްލަބްގެ އެއް ފައުންޑަރު ވެސް މެއެވެ.
މާޔަން ވަނީ އޭޝިއަން ފުޓްފޯލް ކޮންފެޑަރޭޝަންގެ ކޮންގްރެސްގެ އިންތިހާބުގައި 2021 ވަނަ އަހަރު ރާއްޖޭގެ ފަރާތުން ވާދަކޮށްފައެވެ. އެ އިންތިޚާބުގައި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވައިތުގެ ޝެއިޚް އަހުމަދު އަލް-ފަހަދު އަލް-ސަބާހް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް މާޔަން ހުށައެޅި މައްސަލަ ވެސް ވަނީ އޭނާ އަށް ކާމިޔާބުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!