ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހޮކޮށް ދިނުމަށް ޚާއްޞަ ފެސްޓިވަލެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބުރާސްފަތިދުވަހުގެ ރޭ ކުރިއަށް ގެންދެވި ފޭސްބުކް ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ސަރުކާރުން ބައެއް ސްކޫލްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ޚާއްޞަކޮށް ކިޔެވުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މަދުރަސީ ދައުރު ނިންމާފައި ނުކުންނަ އެފަދަ ކުދިންނަށް ދެން ކުރިއަށް ދިޔުމަށް މާގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިފައި އަދި ނެތްކަމަށެވެ.

މިގޮތުން އިތުރަށް ކިޔަވަން ބޭނުންވާ ކުދީންނަށް އެ ފުރުސަތާއި، ވަޒީފާއަކަށް ދާން ބޭނުންވާ ކުދީންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަންކަން ފަހިކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

''އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ފެސްޓިވަލެއް ނޫނިއްޔާ ކާނިވަލެއް އޮންނާނޭ، އެތާނގައި ވަޒީފާ ދޭ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ބައްދަލުވެ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނޭ'' ވަޒީރު ވިދާޅުވިއެވެ:

ވަޒީރު ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި އަދި ބޭންކް ތަކުގެ ފަރާތުން ވެސް އެ ފެސްޓިވަލް ބޭއްވުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަަމަށެވެ.

ވަޒީރު ވަނީ، ވަޒީފާތަކަށް އިންޓަވިއުކުރުމުގެ މަރުހަލާގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ޚާއްޞަ ގޮތްތަކެއް ހަމަޖެއްސޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކާއި މުވައްސަސާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށް އިންތިޒާމްތައް ހަމަޖެހިފައިނުހުންނަ ކަމަށާއި، އަދި މިކަން ރަނގަޅުކޮށް ހުރިހާ ފަރާތްތަކަށްވެސް ފަސޭހައިން އުޅެވޭނެ ފަދަ މާހައުލަކަށް މަސައްކަތުގެ މާހައުލު ހެދުމަށްޓަކައި ސަރުކާރުން އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.