ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިންޑިއާ އިން އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާ އަށް 67 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާ އެނާޖީ ވީކް (އައިއީޑަބްލިއު) ގައި ތަގްރީރު ކުރައްވަމުން މޯދީ ވިދާޅުވީ އިންޑިއާއަކީ ތިމާވެއްޓާ ރައްޓެހި އިއާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތައް ހުރި ގައުމަކަށް ހެދުމަށް މަސައްކަތް ކަރަމުންދާ ކަމަށެވެ. އިންޑިއާ އެނާޖީ ވީކަކަކީ ފެބްރުއަރީ 6 އިން 9 އަށް ގޯއާގައި ކުރިއަށްދާ އެގްޒިބިޝަން، ކޮންފަރެންސެކެވެ. މިއީ އިންޑިއާގައި ބާއްވާ މިފަދަ އެންމެ ބޮޑު އެގްޒިބިޝަން އަދި ކޮންފަރެންސެވެ.
މޯދީ ވިދާޅުވި ގޮތުގައި އިންޑިއާ އިން ބޭނުންވަނީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ވަރުގަދަ އިގްތިސާދެއް އޮތް ގައުމަކަށް ވުމަށެވެ. އަދި އެކަމުގައި ހަކަތައިގެ ދާއިރާ އަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ 2045 ވަނަ އަހަރު އަންނަންވާ އިރަށް އިންޑިއާގެ ހަކަތައިގެ ޑިމާންޑް ދެ ގުނަ އިތުރުވެގެންދާނެ ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިންޑިއާގައި އިއާދަ ކުރުވަނިވި ހަކަތާއިގެ ދާއިރާއަށް އިސްކަންދީ ބަޖެޓުގައި ވެސް ފައިސާ ހިމަނާފައިވެއެވެ.
"ބޮޑު އަދަދެއް ދާނީ ހަކަތައިގެ ދާއިރާއަށް. އެކަމުގެ ސަބަބުން މަގުތަކާއި ރޭލު މަގުތައް ފަދަ ތަންތަނުގައި އެސެޓްތައް ބިނާވެގެންދާނެ. މިއާއެކު، ހައުސިން ދާއިރާގައި ވެސް ހަކަތަ އިތުރަށް ފުޅާވެގެންދާނެ،" މޯދީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!