ރަށްރަށުގެ ތަރައްގީއަށް ކުރުމަށް ބަޖެޓްކޮށްފައިވާ މަސައްކަތްތައް އެ މަސައްކަތަކާއިގުޅޭ ވުޒާރާއަކާއިގުޅިގެން ތަރުތީބުކޮށްލަދެއްވުމަށް ލޯކަލް ކައުންސިލްތަކުގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެ މަނިކުފާނު މިގޮތައް އެދިވަޑައިގަތީ އަންގާރަ ދުވަހު ކޮޅުމަޑުލު (ތ. އަތޮޅު) އަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ރަށުގައި ދެއްކެވި ވާހަކަފުޅުގައި އެރަށަށް ބޭނުންވެފައިވާ ހުރި ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދެއްކެވުމަށްފަހު ރައީސް ވިދާޅުވީ، އެ ރަށާއި އެހެން ރަށްތަކުން ވެސް މި އަހަރުތެރޭގައި އެކި މަޝްރޫޢުތަކަށް އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުމަށް ކައުންސިލުން ސަރުކާރުގެ އެ މަޝްރޫޢަކާ ގުޅޭ ވުޒާރާއާ އެކީގައި މަސައްކަތް ކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ރަށެއްގައި ހިންގާންވެފައި ހުރި މަޝްރޫޢުތައް އެއްފަހަރާ ނުފެށޭނެކަން ގަބޫލުކުރަންވާނެކަން ހަނދުމަކޮށްދެއްވަމުން ރައީސް ވަނީ ރަށްރަށުގައި ކުރިއަށް ނުގެންދެވި ހުއްޓިފައި ހުރި އެތައް މަޝްރޫޢެއް ހުރިކަން ފާހަގަކުރައްވާފައެވެ.
''އަލަށް ފަށަން ބޭނުންވާ މަޝްރޫޢުތައް އެބަހުރި. މާލީ، އިޤްތިޞާދީ ހާލަތު އޮތްގޮތް އެބަ އެނގޭ. އެކަންކަން ރަނގަޅު ކުރަން، މަޖުބޫރީ ހާލަތެއްގެ ތެރެއިންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފަށައިގެން މި އުޅެނީ. އެ ހާލަތުން އަރައިގަނެވުނީމާ، މާ ބާރަށް ކަންކަން ގެންދެވޭނެ. އެހެންނަމަވެސް، ރައްޔިތުން އެދޭ ކަންކަމުގައި ހަމަ ދާނީ ކުރިޔަށް.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ކަންކަން ތަރުތީބު ކޮށްލުމުން މި އަހަރުގެ އެކި ހިސާބުގައި އެކި މަޝްރޫޢުތައް ފެށިގެންދާނެ ކަމަށެވެ.
''ކުރިޔަށް މިއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލެއްގެ ކިބައިން އަޅުގަނޑު އެދޭނީ، މިގޮތަށް އެ ރަށެއްގައި ކުރިޔަށް ގެންދަން ހުރި މަސައްކަތްތައް އަޅުގަނޑުމެންގެ ކަމާގުޅޭ ވުޒާރާތަކާ އެކީގައި މަސައްކަތްކޮށް ތަރުތީބުކޮށްލަދޭން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ތަރުތީބުކޮށްލުމުން ކަނޑައެޅޭ އުސޫލެއްގެ ދަށުން މި އަހަރުގެ ތެރޭގައި ފެށެން ހުރި ހުރިހާ މަޝްރޫޢެއް މި އަހަރު ފަށައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
''މިއަންނަ އަހަރަށް ފޯލްވާނޭ މަޝްރޫޢުތަކަކީ ކޮބައިތޯ ކަނޑައަޅައި، އެގޮތަށް ފަށައިދޭން. ލަސްތަކެއްނުވެ މާލީ ހާލަތު ރަނގަޅު ކުރަމުން، އިޤްތިޞާދަށް ބުންވަރު އިތުރުކުރަމުން، ދައުލަތަށް އާމްދަނީ އިތުރުކުރަމުން، އިރާދަކުރެއްވިއްޔާ މި ކަންކަން ކުރަމުން ދާނަން.'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!