ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމުގެ ހައްލަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަންކަން ކަމަށާއި، އެކަންކަން ބައިނަލްއަޤްވާމީ އިދާރާތަކުން ވެސް ބަލައިގަންނަކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު (ތ. އަތޮޅު) އަށް މިއަދު އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރީ ސަރުކާރުން މި ސަރުކާރަށް ނަޤުލުވީ ދެރަ އިޤްތިޞާދީ ހާލަތެއް ކަމަށާއި، އާ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ އިޤްތިޞާދު އޮތީ ނިކަމެތިވެފައި ކަމަށެވެ. ޤައުމުގެ ދަރަނި މިހިސާބަށް ގޮސްފައި އޮތުމުން މި ސަރުކާރުން ކަންކަން ތަރުތީބު ކުރަންޖެހިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މި ކަންކަން ރަނގަޅު ކުރުމުގެ ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފެށިފައިވާކަމަށާއި، ރާއްޖޭގެ އިޤްތިޞާދުކޮޅަށް ޖެހުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެކިއެކި ބައިނަލްއަޤްވާމީ އިދާރާތަކުން ވެސް ބަލައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

''އެކަން ބަލައިގަނޭ، އަޅުގަނޑުމެންގެ ޤައުމަށް މި އަންނަ، ކަމާގުޅޭ އިންޓަރނޭޝަނަލް އެކިއެކި އިދާރާތަކުންވެސް. އަޅުގަނޑުމެންގެ އަމިއްލަ އިނީޝިއޭޓިވުން، އަޅުގަނޑުމެން އިސްނަގައިގެން، ހުށަހަޅައިގެން މިއުޅޭ، ފަށައިގެން މިއުޅޭ، ރައްޔިތުންނަށް އަޅުގަނޑު ކެމްޕެއިންގައި ހުށަހެޅި އިޤްތިޞާދީ މެނިފެސްޓޯ ބަލައިގަނޭ، އައި.އައި.އެމް.އެފް. އިންވެސް، ވާރލްޑް ބޭންކުންވެސް.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވާނީ އެ ދެ އިދާރާއާއި ވެސް ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ދެ އިދާރާއިން ވެސް މި ރޮނގުން ސަރުކާރުން ކުރަމުން އަންނަ މަސަތްތައް ބަލައިގަނެފައިވާ ކަމަށެވެ.

''އެ ބޭފުޅުންވެސް އެކަން ބަލައިގަނޭ. އަޅުގަނޑުމެން އަމިއްލައަށް މި އިސްނަގައިގެން މި ހުށަހަޅާފައި މިހިރަ އިޤްތިޞާދީ ހުރިހާ ކަމެއް، އެއީއޭ ރާއްޖޭގައި މިހާރު މި އޮތް އިޤްތިޞާދީ ޙާލަތުން އަރައިގަތުމުގައި އޮތް ޙައްލަކީ. ތިމަންނާމެންގެ ސަޕޯޓް، އެކަންކަމަށް ދޭނަމޭ. އެހީތެރިކަން ދޭނަމޭ، އެ ބޭފުޅުން ވިދާޅުވި އަޅުގަނޑު ގާތުގައި.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރަށް ވާރުތަވި އިގްތިސާދީ ހާލަތުގެ ސަބަބުން ބަޖެޓްގައި ހުރި ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް ހިންގަން ދަތިތައް ކުރިކަމަށެވެ. އަދި ޚުދު އެމަނިކުފާނު ވެސް އެފަދަ މަޝްރޫޢޫތައް ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

''ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫޢުތައްވެސް އަދި އަލަށް ފަށަން ހުރި މަޝްރޫޢުތައްވެސް އެއްފަހަރާ ނުފެށޭނީ މިހެންވެގެން. ޙަޤީޤަތާ އެއްގޮތަށް ދެންނެވުމަކީ، އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ބޭނުންވާނެ ގޮތަކީ. ކޮންމެ ބޭފުޅަކީ ދިވެހި ރައްޔިތެއް. މި ޤައުމުގެ ކަންކަމުގައި ހެޔޮގޮތްވާން ބޭނުންވާ އަދި އަމިއްލަ ނަފްސަށްވެސް ހެޔޮގޮތް ވާން ބޭނުންވާނެ ރައްޔިތެއް.'' ރައީސް ވިދާޅުވިއެވެ.