ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް (ތ. އަތޮޅަށް) ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުން ފުރަތަމަ ވަޑައިގަންނަވާނީ ގުރައިދޫ އަށެވެ. އެއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގަތް ރަށެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ގުރައިދޫން ރައީސަށް 65.68 އިންސައްތަ (555 ވޯޓު) އަދި ދެވަނަ ބުރުގައި 74.05 އިންސައްތަ (625 ވޯޓު) ލިބިވަޑައިގަތެވެ.
ރައީސް ވަނީ، އެމަނިކުފާނު ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށަކަށް ކަމުގައި ވިދާޅުވެފައެވެ.
ރައީސް ތ. އަތޮޅުއެކި ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި އަދި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާނެއެވެ.
ރައީސް އެ ރަށްރަށް ވަޑައިގެން އެ ރަށްރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި އެރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ގުރައިދޫގެ އިތުރުން އެ އަތޮޅު ދިޔަމިގިއްޔާއި ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، ވޭމަންޑޫ، އޮމަދޫ، ކިނބިދޫ އަދި ތިމަރުފުއްޓަށް ވަޑައިގަންނަވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!