ނުކުޅެދުންތެރިކަން ހުންނަ 500 ފްލެޓް ހާއްސަކޮށް، ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު، އެކުލަވާލެވޭ އުސޫލެއްގެ ތެރެއިން މަގުފަހި ކުރުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާއިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

Ad
rt

އަދި އަލަށް ފަށާ ސޯޝަލް ހައުސިން ސްކީމްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިގެން 500 ހައުސިން ޔުނިޓް ހިމެނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންގެ މުހުތާދުތައް ފުއްދައި ދިނުމަށް މަސައްކަތް ކުރާ ރައްޔިތުންނަށް ހޭހަން ކުރާ އޯގާވެރި ސަރުކާރެއް ގާއިމުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ. ސަރުކާރުން ހާއްސަ އިސްކަމަކާ ސަމާލުކަމެއް ނުކުޅުންތެރިންކަން ހުންނަ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ދައުރުގައި ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ލޯތްބާއި ކުލުނާއެކު ސަރުކާރުން ހިދުމަތް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

މިގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައި ދިނުމަށް "އުފާވެހި" ނަމުގައި ޕްރޮގްރާމެއް އެކުލަވާލައި ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަފާތު އެކި ނުކުޅެދުންތެރިކަމާ ހުރެ މުޖުތަމައުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް މި އަހަރު އެކުލަވައިލުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. މިފަދަ ގައުމީ ދަފްތަރެއް ނެތުމުގެ ސަބަބުން ސަރުކާރުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަން ޖެހޭ އެތައް ރައްޔިތުންނަށް އެކަމުން މަހްރޫމްވެފައި ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖްތަމައެއް، މާހައުލެއް، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އުފެއްދޭނެ. އެފަދަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިޔުނިޓީ ތެރަޕިސްޓުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިދުމަތަށް ނެރޭނަން. މީގެ އިތުރުން ނަފްސާނީ އެކި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަށްއެދި އެފަދަ ފަރާތްތަކަށް ގުޅައިލެވޭނެ ހެލްޕްލައިނެއް ގާއިމުކުރުމުގެ މަސައްކަތްވަނީ ފެށިފައި." ރައީސް ވިދާޅުވިއެވެ.