ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ އިސް ސިޔާސީ މަގާމުތަކަށް އިތުރު މީހުން އައްޔަން ނުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އެމަނިކުފާނު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ހާލަތްތަކަކީ ކޮބައިކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
"ހަމައެހެންމެ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ މާލިއްޔާ އަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާން ވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާބަލާއިރު ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށެވެ. އެއާ އެކު، ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، އެ ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްވެސް މަސައްކަތްކުރަން ޖެހޭ ކަަމަށެވެ. މިގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅު ކުރުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ވިދާޅުވީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށެވެ. މިހާތަނަށް އައިއިރު ސިޔާސީ މަގާމުތަކަށް 300 އަށް ވުރެ ގިނަ ބޭފުޅުން އައްޔަން ކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!