ރައީސް ޑރ. މުހައްމަދު މުޢިއްޒު، ރަމަޟާން މަހުގެ (ރޯދަ މަހުގެ) ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖެއްވިކަން މިއަދު ރަސްމީކޮށް ޢިއުލާންކޮށްފިއެވެ.

ރައީސް މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައެވެ.

Ad
rt

ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖައްސަން ވެސް ރައީސް ވަނީ ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިކަމާ ގުޅޭގޮތުން އެ އޮފީހުން މިހާރުވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ޚިދުމަތްތައް ދެމުން ގެންދާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލުކޮށް، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ޚިދުމަތްތައް ދިނުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިކަމަށެވެ.

މި މުއައްސަސާތަކުން އެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް، އެކި ވަސީލަތްތައް މެދުވެރިކޮށް، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށްދިނުމަށާއި، އެކަންކަމުގެ މަޢުލޫމާތު، ރައީސް އޮފީހާ ޙިއްޞާކޮށްދިނުމަށް އެ މުއައްސަސާތަކުގައި އެދިފައިވާނެކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރޯދަމަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ރައީސް ހަމަޖެއްސެވީ، ރޯދަ މަހުގެ ފަހު ދިހަގައި ވީހާވެސް ބޮޑަށް ރައްޔިތުންނަށް އަޅުކަމުގައި މަޝްއޫލުވެ އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

ނިންމެވުމަކީ އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި ދީނީ ކަންތައްތަކަށް ރައްޔިތުންގެ ލޯބި ޖެއްސުމަށާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ރައީސް ނިންމެވި ނިންމެވުމަށް ކަމަށް ވެސް ސަރުކާރުން ބުނެފަވެއެވެ.