ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާދޭނަން: ރައީސް

Dr. Muizzu

ސަރުކާރުގެ މަސް ކުންފުނި،  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތަށް، ރައީސް އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި މަސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން މި ސިލްސިލާގައި ބައިވެރިވެ، ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީ ވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

ޢަބްދުލްޣަނީގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރައްވާފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދެވި ހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން މަސައްކަތްކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމެވުމަށްކަމަށާއި، އެއަށްފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތަށް، ރައީސް އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ސިލްސިލާގައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް ވަރަކުން އާންމުގެ ސުވާލުތަކަށް ރައީސް ޖަވާބުދެއްވަމުން ގެންދަވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސް އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި