އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް އާސެނަލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މި މޮޅާއިއެކު އާސެނަލަށް ވަނީ 22 މެޗުން 46 ޕޮއިންޓް ލިބިފައެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 21 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށްވުރެ ދެ މެޗު މަދުކޮށްކުޅެ ސިޓީ އޮތީ ތިންވަނާގައެވެ. ސިޓީއަށް 20 މެޗުން ވަނީ 43 ޕޮއިންޓް ލިބިފައެވެ.
އަންން އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އާސެނަލުން ނުކުންނާނީ ތާވަލުގެ އެއްވަނާގައި އޮތް ލިވަޕޫލާއި ދެކޮޅަށެވެ. ރޭ މޮޅަކީ ވިދިވދިގެން ތިން މެޗުން ބަލިވުމަށް ފަހު އާސެނަލް ހޯދި ދެވަނަ މޮޅެވެ.
ރޭ މެޗުގައި އާސެނަލަށް ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ގެބްރިއަލް ޖީސަސްއެވެ. ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ސަކާއެވެ. ފޮރެސްޓްގެ ހަމައެކަނި ލަނޑު 89 ވަނަ މިނެޓުގައި ޖަހައިދިނީ އަވޮނިޔީއެވެ.
ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ނުއުކާސަކުން ވަނީ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއިން އެސްޓަން ވިލާ ބަލިކޮށްފައެވެ. ފުލަމްއާއި އެވަޓަން ލަނޑެއް ނުޖެހި އެއްވަރުވީއިރު ލޫޓަން އިން ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިން ބްރައިޓަން ބަލިކޮށްފައެވެ. ކްރިސްޓަލް ޕެލަސް އިން ވަނީ 3-2 ގެ ނަތީޖާއިން ޝެފީލްޑް ބަލިކޮށްފައެވެ.
ޕްރިމިއާ ލީގުގައި މިރޭ ވެސް ވަރުގަދަ މެޗުތަކެއް ކުޅޭނެއެވެ. މިރޭ ދަންވަރު 01:15 ގައި ލިވަޕޫލް ނުކުންނާނީ ޗެލްސީއާއި ދެކޮޅަށެވެ. މެންޗެސްޓާ ސިޓީއާއި ބާންލީ ބައްދަލުކުރާއިރު، ޓޮޓެންހަމް ބައްދަލުކުރާނީ ބްރެންޓްފޯޑާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!