ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ދަތުރުތައް އަންނަ މާޗް 1 ގައި ފެށުމަށް ނިންމައިފިއެވެ.

ރަސްމީ ދަތުރެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިވަގުތު ހުންނެވީ ސްރީލަންކާގައެވެ. އެ ދަތުރުގައި އަމީން ވަނީ ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. ހާއްސަކޮށް ދަތުރުފަތުރު ކުރުމުގެ ދާއިރާ އިން ގުޅުން ބަދަހި ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

Ad
rt

އަމީން "އެކްސް" ގައި ވިދާޅުވީ، ހާލު ބޮޑު ބަލި މީހުން ކުއްލި ހާލަތްތަކުގައި އޮޕަރޭޓުކުރާ ފްލައިޓުތަކަށް ވަގުތު ހުއްދަ ލިބޭނެ ގޮތަށް ފްރޭމްވޯކެއް އެކުލަވާލުމަށް ލަންކާ އިން އެއްބަސްވެފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ނިމާލް ސިރިޕަލާ ލަންކާގެ ބައެއް ނޫސްތަކަށް ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާއި ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް އާ ދެމެދުގައި ކަމަށެވެ.

މި ސަރުކާރުން ވަނީ އަންނަ މާޗް 1 އިން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމައިފައެވެ. އެ ހިދުމަތަށް ބޭނުން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެކެވެ. އެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުންން ހާމަކޮށްފައިވެއެވެ.

ކުއްލި އަވަސް ފަރުވާއާއި އެހެނިހެން ކަންކަމަށް ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފް ކުރަން ވެސް ސަރުކާރުން ނިންމާފައިވެއެވެ.