ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނޭ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަލުން އެ މަގާމަށް މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ޑރ. ހައިދަރު އެ މަގާމަށް ޢައްޔަނުކުރައްވައި ރައީސް މުޢިއްޒު ވަނީ މަޤާމުގެ ފަތްކޮޅު އޭނާ އަށް އަރުވާފައެވެ.

Ad
rt

މިއަދު ރުހުން ނުދިން ވަޒީރުންގެ ތެރޭގައި ހިމެނޭ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް އަލުން އެ މަގާމަށް މިއަދު ޢައްޔަނުކުރެއްވިއިރު، މި ދެ ވަޒީރުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މިއަދު މަޖިލީހުގައި ވަޒީރުންނަށް ރުހުންދޭން ނެގި ވޯޓުގައި ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުންދޭން ފެންނަ ކަމަށް 24 މެމްބަރަކު ވޯޓުދެއްވި އެވެ.

މި ވޯޓުގައި ހައިދަރާއި، ޝަހީމް އަދި ބަންޑާރަނައިބު އަހްމަދު އުޝާމް އަށް ރުހުން ނުދޭން ފާސްކޮށްފައިވާއިރު، ދެން ތިއްބެވި ހުރިހާ ވަޒީރުންނަށް ވަނީ ރުހުން ދީފައެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު އެކުލެވިގެންވަނީ 22 ވުޒާރާއެއްގެ މައްޗަށެވެ.