ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ.
ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން ފާސްކޮށްފައި ވަނީ އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާބެހޭ އެމްޑީޕީގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެއެވެ.
ނަމަވެސް އެމްޑީޕީގެ ޕީޖީ މެންބަރަކު އެކަން ވަނީ ''ތިލަދުން'' އަށް ޔަގީންކޮށްދީފައެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މިހާރު ސޮއި ހަމަ ކޮށްފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލައެއް ހުށަހަޅިދާނެ އެވެ. އަދި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސް މަގާމުން ދުރުކުރެވޭނެ ކަމަށް ޤާނޫނުއަސާސީގައި ބުނެފަވެއެވެ.
ޤާނޫނުއަސާސީ ބުނާގޮތުން ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އަޒުލުކުރުމަށް ހުށަހެޅޭނީ ތިން ހާލަތެއްގައެވެ. އެއީ،
- އިސްލާމް ދީނުގެ އަސްލަކާ ނުވަތަ ޤާނޫނުއަސާސީ އާޢި ނުވަތަ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން
- ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއްކުރުން
- ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ޤާބިލްވުން
މަޖިލީހުން ރައީސް ވަކިކުރަން ފަސޭހަވާގޮތަށް މި ފަހުން ވަނީ މަޖިލީހުގެ ގަވާއިދު ވެސް އިސްލާހުކޮށްފައެވެ. މިހާރު މަޖިލީހުގައި އެމްޑީޕީގެ 43 މެންބަރުން ތިއްބަވައެވެ. އަދި، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބަވައެވެ. އެއީ، ޖުމުލަ 56 މެންބަރުންނެވެ.
ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 56 މެންބަރުންގެ ވޯޓާ އެކު ރައީސް އަޒުލުކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!