ދަތުރު ކުރަމުންދިޔަ ދޯންޏެއް އަޑިއަށް ދިޔުމުގެ ސަބަބުބް ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިހުން މިރޭ ބުނީ އަރިއަތޮޅާއި 19 މޭލު ބޭރުން ދަތުރުކުރަމުންދިޔަ ދޯންޏެއް މިއަދު އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އެ ދޯނި އަޑިއަށް ދިޔުމުން އޭގައި ތިބި ތިން މީހުން ކަނޑުވެފައިތިއްބާ އެ ސަރަހައްދުން ދަތުރުކުރި ފިއުލް ސަޕްލައިގެ އުޅަނދަކަށް އެމީހުން ފެނިގެން ވަނީ ސަލާމަތްކޮށްފައިކަމަށް މެރިން ޕޮލިހުން ބުނެއެވެ.
އެ މީހުން ސަލާމަތްކޮށްގެން މިހާރު މާލެ ގެނެސްފައިވާއިރު، މި ހާދިސާގައި އެ ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ. އަދި އެ ދޯނިން ދަތުރުކުރި ތިން މީހުންގެ ހާލު ވެސް ރަނގަޅުކަމަށް މެރިން ޕޮލިހުން ބުނެއެވެ. އެއީ ދިވެއްސަކާއި، ދެ ބިދޭސީންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އަދި ސާފުނުވާއިރު، މި ދުވަސްވަރަކީ ވެސް މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑުދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތުން ދަތުރަށް އަރާއިރު މޫސުމާބެހޭ ފަހުގެ މައުލޫމާތު ދެނެގަތުމަށާއި، ދަތުރަށް ފުރުމުގެ ކުރީން އުޅަނދުގެ ސަލާމަތީކަންކަން ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!