އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ބަލިވާ މެންބަރުން އެކުވެރިކަމާއެކު މޮޅުވާ މެންބަރުންނާއެކު ތިބުމަށް އެ އިއްތިހާދުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވީ، އެ އިއްތިހާދަކީ އަބަދުވެސް އެކުވެރިކަން އިސްކޮށް ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ޕާޓީތަކެއްގެ މައްޗަށް އެކުލެވޭ އިއްތިހާދެއްކަމަށެވެ.
ފަސް އަހަރަށްފަހު އަލުން ވެރިކަމަށް އާދެވުނީ އެ އިއްތިހާދުގެ ދެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ އެކުވެރިކަމާއި، ހިތްވަރުން ކަމަށާއި، އެންމެ ބޮޑު ރައުސްމާލަކީ ވެސް ދެ ޕާޓީގެ މެންބަރުންކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުންނަށް، އެދުވަހު ނާކާމިޔާބީއާއި ކުރިމަތިވާ ކެންޑިޑޭޓުން ތާއީދުކޮށް، ކާމިޔާބުވި ކެންޑިޑޭޓުން އެ ގޮނޑިތަކަށް އިންތިޚާބުކޮށް ދިނުމަށް ގަދައަޅައި މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިހާތަނަށް ލިބުނު ކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ ވެސް ދެ ޕާޓީގެ މެންބަރުންގެ އެއްބައިވަންތަކަންކަން ފާހަގަކުރައްވައި، މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމުގައި ވެސް ދެ ޕާޓީގެ މެންބަރުން އެ ގޮތުގައި ތިބުމަށް އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.
''އަޅުގަނޑުމެން އެދެނީ މި ޕްރައިމަރީގެ ކަންތައް ވީހާވެސް އަމާންކަމާއި އޮމާން ކަމާއެކީގައި، ވީހާވެސް އެކުވެރިކަމާއެކީގައި ކުރިއަށް ގެންގޮސް ދެއްވަން، ހުރިހާ ކެންޑިޑޭޓުން ވެސް ކެންޑިޑޭޓުންގެ ސަޕޯޓަރުން ވެސް މަސައްކަތް ކޮށްދެއްވަން، ޕާޓީތަކަށާއި ރައްޔިތުންނަށް ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެންވުން ބޭނުންވާ ގޮތަކީ، މިހާތަނަށް ރާއްޖޭގައި އެންމެ ސުލްހަވެރިކަމާއި އަމާންކަމާއެކު ޕްރައިމަރީތައް ކުރިއަށް ގެންގޮސްފައި އޮންނާނީ ޕީޕީއެމް/ޕީއެންސީ'' އަދުރޭ ވިދާޅުވިއެވެ.
ޕްރައިމަރީގެ ކަންކަމުގައި އިސްކޮށް ތިއްބަވާނީ ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު އާއި ޕީޕީއެމްގެ ނައިބު ރައީސް، މަސްވެރިކަމާބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ސިޔާމް ކަމަށާއި، އެއް ވެސް ކަމެއްގައި އޮޅުން އަރާނަމަ އެ ދޭފުޅުންނާއި ގުޅައިގެން ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދަން އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.
އެއްވެސް ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ ތަން ކެންޑިޑޭޓުންގެ މެދުގައި އެއްބަސް ނުވެވިއްޖެނަމަ ވޯޓު ފޮށި ބަހައްޓާނެތަން ކަނޑައަޅާނީ ޕްރޮގްރެސިވް އިއްތިހާދުގެ މައި އިދާރާއިން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި އެ އިއްތިހާދުން ޕްރައިމަރީއަށް ހުޅުވާލުމުން 296 މެންބަރަކު ވަނީ ޓިކެޓަށް އެދި ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އިތުރު މެންބަރެއް ކުރިމަތި ނުލާ 13 ދާއިރާއެއްގެ ޓިކެޓް، އެ ދާއިރާތަކަށް ކުރިމަތިލި މެންބަރުންނަށް އޭގެތެރެއިން ކަށަވަރުވެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ބާކީ ތިބި 283 މެންބަރުންގެ ތެރޭގައި 32 މެންބަރުން ވާދަކުރައްވާ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!