އަންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުމެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ) މިއަދު ވިދާޅުވެއްޖެއެވެ.

ފަޔާ މިހެން ވިދާޅުވީ، މި ދެ ޕާޓީން މިއަދު ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ފަޔާ ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ދެމެދުގައި އަދިވެސް ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. ނަމަވެސް އެއްބަސްވެ މަސައްކަތް ކުރަމުންދަނީ ދެ ޕާޓީން ވެސް ކަންބޮޑުވާ ކަންތައްތަކެއް ޤައުމުގައި ހިނގާތީ އެކަންކަމަށް މަޖިލީހުގެ ތެރޭ ގުޅިގެން މަސައްކަތްކޮށް، ހައްލު ހޯދަން ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލާނަން، އަޅުގަނޑުމެން ދެ ޕާޓީގެ ދޭތެރޭގައި ހުރި ހިޔާލުތަފާތުވުންތައް އަދި ވެސް އެބަހުރި އިނގޭތޯ، އަޅުގަނޑުމެން މިއުޅެނީ އެއްގޮތަކަށް ވެސް ކައިވެންޏެއް ކުރާކަށް ނޫން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ޤައުމުގައި އަޅުގަނޑުމެން ދެބައިވެސް ކަންބޮޑުވާ ކަންކަން ހުރީމައި އެކަންކަން މަޖިލިސްގެ ތެރޭން އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން، އެ ގޮތް އެބަލިބޭ އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަންތައްތަކެއްގެ ތެރޭގައި އަޅުގަނޑުމެން މިހާރު އޮތް 19 ވަނަ މަޖިލީހުގެ ތެރެއިން ނިންމައިގެން މިތިބީ'' ފަޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ކުރިއަށް އޮތް މަޖިލީހުގެ ގޮނޑިތައް ހޯދަން ދެ ޕާޓީ އެއްކޮށް ދިއުމުގެ ވިސްނުމެއްނެތެވެ. އަދި އެފަދަ އެއްބަސްވުމެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެން ޕާޓީން އިރާދަކުރެއްވިއްޔާ ހުރިހާ ދާއިރާ އަކަށް ވެސް ކުރިމަތިލާނެ، އެބޭފުޅުން އެ ބޭފުޅުން ކުރިމަތިލައްވާ ދާއިރާތަކަކަށް ކުރިމަތިލައްވައްވާނެ، 20 ވަނަ މަޖިލިސް އެކުލަވާލެވިގެން އަންނަ ގޮތަކުން އޭރުގެ ހާލަތަށް ރިއާޔަތްކޮށް އެއްކޮށް މަސައްކަތްކުރާނެތޯ ނޫންތޯ އެހިސާބުން ވާހަކަ ދައްކާނީ،'' ފަޔާ ވިދާޅުވިއެވެ.

ފަޔާ ވިދާޅުވީ، މިއަދު މިކުރަމުންދާ ކަމަކީ ސަރުކާރުގެ ކަންކަންހުރިގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ދެ ޕާޓީއަށް ވެސް އިހްސާސް ކުރެވި، ކަންކަން ގޯސްވާތަން ފެނި، އެކަންކަން ޔަގީންވާތީ ގައުމާއި ސަރުކާރު ހަމަމަގަށް އަޅުވައިގެން ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމުގެ މަސައްކަތް ކަމަށެވެ.