ރައްޔިތުންގެ މަޖިލީހުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާކަން އެ ދެ ޕާޓީން މިއަދު ހާމަކޮށްފިއެވެ.
މިކަން ހާމަކުރީ މި ދެ ޕާޓީން މިއަދު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ) ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށާއި، މި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް ބެލެވޭކަމަށެވެ. އެހެންވެ ކަންބޮޑުވުންތައް ހުރުމުން މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ތެރޭގައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ފަޔާ ވިދާޅުވިއެވެ.
ފަޔާ ވިދާޅުވިގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން، ގައުމުގެ ދިމިގްރާތީ ކުރިމަގު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހުގެ ތެރެއިން ގެނައުމަށް އެ ދެ ޕާޓީ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރުމަށް ވަނީ ނިންމާފައެެވެ.
މި ދެ ޕާޓީ މިގޮތައް ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަަޖެހޭ ބަދަލާއި މަޖިލީހުން ނިންމަން ހުރި އެހެން ބައެއް މަސައްކަތްތައް އަވަސްކުރުމަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ވެސް ދެ ޕާޓީ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
މި ދެ ޕާޓީ މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމިއިރު، މަޖިލީހުގައި މިވަގު އެމްޑީޕީގެ 42 މެންބަރުން ތިއްބަވައެވެ. އަދި ޑިމޮކްރެޓްސްގައި 13 މެންބަރުން ތިއްބަވައެވެ. އަދި މިހާރު ހިނގަމުންދާ 19 މަޖިލީހުގައި ބާކީ އޮތީ ވެސް އެންމެ ދައުރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!