ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" މިއަދު އުފައްދަވައިފިއެވެ.

މި އިދާރާ އުފައްދަވައި ރައީސްގެ ފަރާތްޕުޅުން ނެރުއްވި ދެންނެވުމުގައިވާގޮތުން މިތަން ހިނގަމުންދާނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް)އާއި ގުޅިފައިވާ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ.

Ad
rt

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށާއި، ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ ބޭނުމުގައިކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ބުނެފަވެއެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ މަސައްކަތްތައް

  • ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުން.
  • ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ދުނިޔޭގެ މާލީ ބާޒާރުތަކަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ދެނެގަތުމާއި، އެ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
  • ދިވެހިރާއްޖޭގެ މާލީ ބާޒާރުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް، ޤާނޫނުތަކާއި އިދާރީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭގޮތުން ދިރާސާކުރުން.

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމާ ގުޅޭ ގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހާމެދު މަޝްވަރާކުރެއްވުމަށްފަހު ޤާނޫނު އަސާސީން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަވިސަސް އޮތޯރިޓީ" އުފައްދެވުމަށް ރައީސް ނިންމެވީ މި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރުމާ ގުޅޭ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާ ގުޅޭ ބިލެއް އެކުލަވާލައި އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ވަނީ އެދުވަހު ނިންމަވާފައެވެ.