އަންނަ މާޗް 1 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ނިންމާފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތާ އެކުގައި ބަލި މީހުން އުފުލުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހަލީލް އެގޮތަށް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ގއ. ވިލިނގިލީ، ޕެންޒީއާގޭ، އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު، ނިޔާވި ހާދިސާއާ ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ކުއްޖާ ގެނައުމަށް އާސަންދަ ކުންފުނިން ވީ އެންމެ އަވަހަކަށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

ހަލީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާލު ބޮޑު ބަލި މީހާ، ޓާޝަރީ ފެންވަރަށް ހިދުމަތް ލިބޭ ހޮސްޕިޓަލަކަށް އުފުލުމުގައި އެކިއެކި ސަބަބުތަކާ ހުރެ ލަސްވުމަކީ ޒަމާނުއްސުރެ ހައްލު ހޯދަން ރާއްޖޭގެ ރައްޔިތުން އެދި އެދި ތިބި ކަމެއް ކަމަށެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަމަށް ފުރިހަމަ އަށް ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައި ކަމަށް ހަލީލް ވިދާޅުވިއެވެ.

"ﷲ ގެ އިރާދަފުޅާއެކު ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެއާ އެމްބިއުލާޏްސްގެ ހިދުމަތް 1 މާޗްގައި ތައާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ،" ހަލީލް ވިދާޅުވިއެވެ.

މިކަން ހިނގާދިޔަގޮތް ސާފުކޮށް ދެމުން އާސައިންދައިން ބުނީ، ގއ. އަތޮޅު ހޮސްޕިޓަލުން އައިޖީއެމްއެޗްއަށް ބަދަލުކުރުމަށް އިމަޖެންސީ އިވެކުއޭޝަންގެ ރިކުއެސްޓް މިދިޔަ ބްރާސްފަތި ދުވަހުގެ ފަތިހު 5:03 ގައި ލިބުނު ކަމަށެވެ. އަދި ރިކުއެސްޓް ލިބުނުތާ 12 މިނެޓުގެ ތެރޭގައި އިވެކުއޭޝަން އެޕްރޫވްކޮށް ފަތިހު 5:19 ހާއިރު ވިލިނގިލި ހޮސްޕިޓަލަށް އެކަން އަންގާ ފްލައިޓް ލިބޭތޯ ބެލުމަށް އެންގިކަމަށެވެ.

ކޫއްޑޫ އެއަޕޯޓުން އެންމެ އަވަހަށް ޝެޑިއުލް ފްލައިޓެއް އޮތީ ހުކުރު ދުވަހުގެ ހެނދުނު 5:55 ގައިކަމުން، ވަގުތުން ޗާޓަޑް ފްލައިޓެއްގެ އިންތިޒާމުތައް ފަށައި، ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގައި މޯލްޑިވިއަނުން ޗާޓަޓް ފްލައިޓް ވަގުތު ލިބުނުކަމަށް އާސަންދައިން ބުނެފަވެއެވެ.

އެ ޗާޓަޑް ފްލައިޓް ކޫއްޑޫއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:55 ގައި ކަމަށާއި، އެނބުރި މާލެއަށް އައުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 16:20 ގައިކަމަށް އާސަންދައިން ބުންޏެވެ. އަދި ވިލިނގިލިން ކޫއްޑުއަށް އެ ކުއްޖާ ގެންދިއުމަށް އެމްއެންޑީއެފްގެ ސީ އެމްބިއުލާންސެއް 14:45 ގައި ހަމަޖެއްސިކަމަށް ވެސް ބުންޏެވެ.

މި އިންތިޒާމު ހަމަޖައްސާފައި ވަނިކޮށް، މާލެއިން ކައްދޫއަށް ދާން އޮތް ފްލައިޓްގައި ޖާގަހުރުމުން، ބުރާސްފަތި ދުވަހުގެ 11:40 ގައި ކޫއްޑޫ އެއަރޕޯޓުން އެކަން އެންގުމުން، އެ ކުއްޖާ މާލެ ގެނެވޭނެ އެންމެ އަވަސް މަގަކީ އެއީކަމަށް ވުމުން ޝެޑިއުލް އޮތްގޮތުން އެދުވަހު 13:50 ކުއްޖާ މާލެ ގެނެވޭނެތީ، އެ ފްލައިޓުން ކުއްޖާ ފޮނުވާލުމުގެ މަސައްކަތް ފެށިކަމަށް އާސަންދައިން ބުނެއެވެ.

އެހެންނަމަވެސް ޕްލޭން ކުރެވުނު ގޮތަށް އިވެކުއޭޝަންގެ ކަންކަން ކުރިއަށްނުގެންދެވުނީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑައިވަރޓްނުކުރެވުމުންކަމަށް އާސަންދައިން ބުނެއެވެ.

އެހެން ދިމާވުމުން، އަލުން ޗާޓަރޑް ފްލައިޓެއް އިންތިޒާމްކޮށް ކޫއްޑޫ އެއާޕޯޓުން ބުރާސްފަތި ދުވަހުގެ ހަވީރު 16:35 ގައި ފުރައިގެން ކުއްޖާ މާލެ ގެނެވުނީ އެ ދުވަހުގެ ހަވީރު 17:15 ގައިކަމަށް އާސަންދައިގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާއާއި އިންޑިއާގެ ޑޯނިއާ ބޯޓާ ގުޅުވައި ބައެއް ފަރާަތްތަކުން ވާހަކަ ފަތުރާތީ، މީގެ ތިން އަހަރު ކުރިން ފެށިގެން މިހާތަނަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.