ގއ. ވިލިނގިލިން ހާލު ދެރަވި އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖާ މަރުވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އިއްޔެ މަރުވި ކުއްޖާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނީ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އިމަޖެންސީ އިވެކުއޭޝަންގެ ކަންތައް ލަސްވެފައިވާ ކަމަށެވެ. އެގޮތުން އިމަޖެންސީ އިވެކުއޭޝަންގައި ބޭނުންކުރުމަށް ހާއްސަ ފްލައިޓާއި ހެލިކޮޕްޓަރު ބޭނުން ނުކުރި ކަމަށް ސައުދު ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

Ad
rt

އައިިލެންޑް އޭވިއޭޝަންގެ ފްލައިޓު ލިބެން އޮތް ވަގުތަކަށް ވަރިހަމަކޮށް ކުއްޖާ އަށް ލިބެން އޮތް ކްރިޓިކަލް ކެއާ ފަރުވާ އަށް ގަސްދުގައި ހުރަސް އަޅާފައިވާ ކަމަށާއި މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި އައިއޭއެސްގެ ބޯޓު ލިބުން ލަސްވާ ނަމަ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރުގައި ބަލި މީހުން އުފުލާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އެ ވަސީލަތްތައް މިހާރު ވެސް ބޭނުންކުރެވޭ ހާލަތުގައި އޮތް އިރު ސަރުކާރުން އެ ވަސީލަތްތަކުގެ ބޭނުން ނުހިފާ ކަމަށް އެ މައްސަލައިގައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިލީ ހޮސްޕިޓަލުގައި އޮތް ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް އިއްޔެ ވަނީ މަރުވެފައެވެ. އެކަމުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ބުނެ ސަރުކާރަށް އަންނަނީ ފާޑު ކިޔަމުންނެވެ.

މިކަން ހިނގާދިޔަގޮތް ސާފުކޮށް ދެމުން އާސައިންދައިން ބުނީ، ގއ. އަތޮޅު ހޮސްޕިޓަލުން އައިޖީއެމްއެޗްއަށް ބަދަލުކުރުމަށް އިމަޖެންސީ އިވެކުއޭޝަންގެ ރިކުއެސްޓް މިދިޔަ ބްރާސްފަތި ދުވަހުގެ ފަތިހު 5:03 ގައި ލިބުނު ކަމަށެވެ. އަދި ރިކުއެސްޓް ލިބުނުތާ 12 މިނެޓުގެ ތެރޭގައި އިވެކުއޭޝަން އެޕްރޫވްކޮށް ފަތިހު 5:19 ހާއިރު ވިލިނގިލި ހޮސްޕިޓަލަށް އެކަން އަންގާ ފްލައިޓް ލިބޭތޯ ބެލުމަށް އެންގިކަމަށެވެ.

ކޫއްޑޫ އެއަޕޯޓުން އެންމެ އަވަހަށް ޝެޑިއުލް ފްލައިޓެއް އޮތީ ހުކުރު ދުވަހުގެ ހެނދުނު 5:55 ގައިކަމުން، ވަގުތުން ޗާޓަޑް ފްލައިޓެއްގެ އިންތިޒާމުތައް ފަށައި، ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގައި މޯލްޑިވިއަނުން ޗާޓަޓް ފްލައިޓް ވަގުތު ލިބުނުކަމަށް އާސަންދައިން ބުނެފަވެއެވެ.

އެ ޗާޓަޑް ފްލައިޓް ކޫއްޑޫއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:55 ގައި ކަމަށާއި، އެނބުރި މާލެއަށް އައުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 16:20 ގައިކަމަށް އާސަންދައިން ބުންޏެވެ. އަދި ވިލިނގިލިން ކޫއްޑުއަށް އެ ކުއްޖާ ގެންދިއުމަށް އެމްއެންޑީއެފްގެ ސީ އެމްބިއުލާންސެއް 14:45 ގައި ހަމަޖެއްސިކަމަށް ވެސް ބުންޏެވެ.

މި އިންތިޒާމު ހަމަޖައްސާފައި ވަނިކޮށް، މާލެއިން ކައްދޫއަށް ދާން އޮތް ފްލައިޓްގައި ޖާގަހުރުމުން، ބުރާސްފަތި ދުވަހުގެ 11:40 ގައި ކޫއްޑޫ އެއަރޕޯޓުން އެކަން އެންގުމުން، އެ ކުއްޖާ މާލެ ގެނެވޭނެ އެންމެ އަވަސް މަގަކީ އެއީކަމަށް ވުމުން ޝެޑިއުލް އޮތްގޮތުން އެދުވަހު 13:50 ކުއްޖާ މާލެ ގެނެވޭނެތީ، އެ ފްލައިޓުން ކުއްޖާ ފޮނުވާލުމުގެ މަސައްކަތް ފެށިކަމަށް އާސަންދައިން ބުނެއެވެ.

އެހެންނަމަވެސް ޕްލޭން ކުރެވުނު ގޮތަށް އިވެކުއޭޝަންގެ ކަންކަން ކުރިއަށްނުގެންދެވުނީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑައިވަރޓްނުކުރެވުމުންކަމަށް އާސަންދައިން ބުނެއެވެ.

އެހެން ދިމާވުމުން، އަލުން ޗާޓަރޑް ފްލައިޓެއް އިންތިޒާމްކޮށް ކޫއްޑޫ އެއާޕޯޓުން ބުރާސްފަތި ދުވަހުގެ ހަވީރު 16:35 ގައި ފުރައިގެން ކުއްޖާ މާލެ ގެނެވުނީ އެ ދުވަހުގެ ހަވީރު 17:15 ގައިކަމަށް އާސަންދައިގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާއާއި އިންޑިއާގެ ޑޯނިއާ ބޯޓާ ގުޅުވައި ބައެއް ފަރާަތްތަކުން ވާހަކަ ފަތުރާތީ، މީގެ ތިން އަހަރު ކުރިން ފެށިގެން މިހާތަނަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވަނީ ވިދާޅުވެފައެވެ.