ގއ. ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖެއް (ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު) އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވީ އިންޑިއާ ޑޯނިއާ ބޯޓު ބޭނުން ނުކުރަން ހަދައިގެންކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރީ ދޮގެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ފަރުވާއަށް މާލެ ގެނައި، މުޙައްމަދު ޖާހު ޚާލިދު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ނިޔާވެފައެވެ.
އެ ކުއްޖާ މާލެ ގެނައުން ލަސްވި ކަމަށް ބުނެ، ވިލިގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލު ކައިރީގައި ބައެއް މީހުން މުޒާހަރާވެސް ކުރިއެވެ. އަދި ހޮސްޕިޓަލްގެ ނަން ބޯޑު މަތީ ''ވިލިނގިލީ ސިއްހީ މަރުކަޒު'' ލިޔެ ކަރުދާސްގަނޑެއްވެސް ތަތްކުރިއެވެ.
އެ ހާދިސާއާއި ގުޅުވައި އެ ކުއްޖާ މާލެ ގެނައުން ލަސްވީ އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް ބޭނުން ނުކުރަން ވެގެން އުޅުމުން ކަމަށް ބައެއް މީހުން ތުހުމަތުކުރަމުންދާއިރު، އޮންލައިން ނޫހެއްގައި ވެސް ވަނީ އެހެން ރިޕޯޓުކޮށްފައެވެ.
އެކަމާއި ގުޅިގެން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، އެއީ ''ރޯ ބުހުތާން ދޮގު ޚަބަރެއް'' ކަމަށެވެ.
''ނިމިދިޔަ ފަސް އަހަރު ރާއްޖޭގައި އެންމެ ގިނަ ބަލި މީހުން އުފުލާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައި، މިއީ ހޯދޭނެ ހިސާބެއް'' އޭނާ ވިދާޅުވިއެވެ.
މިކަން ހިނގާދިޔަގޮތް ސާފުކޮށް ދެމުން އާސައިންދައިން ބުނީ، ގއ. އަތޮޅު ހޮސްޕިޓަލުން އައިޖީއެމްއެޗްއަށް ބަދަލުކުރުމަށް އިމަޖެންސީ އިވެކުއޭޝަންގެ ރިކުއެސްޓް މިދިޔަ ބްރާސްފަތި ދުވަހުގެ ފަތިހު 5:03 ގައި ލިބުނު ކަމަށެވެ. އަދި ރިކުއެސްޓް ލިބުނުތާ 12 މިނެޓުގެ ތެރޭގައި އިވެކުއޭޝަން އެޕްރޫވްކޮށް ފަތިހު 5:19 ހާއިރު ވިލިނގިލި ހޮސްޕިޓަލަށް އެކަން އަންގާ ފްލައިޓް ލިބޭތޯ ބެލުމަށް އެންގިކަމަށެވެ.
ކޫއްޑޫ އެއަޕޯޓުން އެންމެ އަވަހަށް ޝެޑިއުލް ފްލައިޓެއް އޮތީ ހުކުރު ދުވަހުގެ ހެނދުނު 5:55 ގައިކަމުން، ވަގުތުން ޗާޓަޑް ފްލައިޓެއްގެ އިންތިޒާމުތައް ފަށައި، ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގައި މޯލްޑިވިއަނުން ޗާޓަޓް ފްލައިޓް ވަގުތު ލިބުނުކަމަށް އާސަންދައިން ބުނެފަވެއެވެ.
އެ ޗާޓަޑް ފްލައިޓް ކޫއްޑޫއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:55 ގައި ކަމަށާއި، އެނބުރި މާލެއަށް އައުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރު 16:20 ގައިކަމަށް އާސަންދައިން ބުންޏެވެ. އަދި ވިލިނގިލިން ކޫއްޑުއަށް އެ ކުއްޖާ ގެންދިއުމަށް އެމްއެންޑީއެފްގެ ސީ އެމްބިއުލާންސެއް 14:45 ގައި ހަމަޖެއްސިކަމަށް ވެސް ބުންޏެވެ.
މި އިންތިޒާމު ހަމަޖައްސާފައި ވަނިކޮށް، މާލެއިން ކައްދޫއަށް ދާން އޮތް ފްލައިޓްގައި ޖާގަހުރުމުން، ބުރާސްފަތި ދުވަހުގެ 11:40 ގައި ކޫއްޑޫ އެއަރޕޯޓުން އެކަން އެންގުމުން، އެ ކުއްޖާ މާލެ ގެނެވޭނެ އެންމެ އަވަސް މަގަކީ އެއީކަމަށް ވުމުން ޝެޑިއުލް އޮތްގޮތުން އެދުވަހު 13:50 ކުއްޖާ މާލެ ގެނެވޭނެތީ، އެ ފްލައިޓުން ކުއްޖާ ފޮނުވާލުމުގެ މަސައްކަތް ފެށިކަމަށް އާސަންދައިން ބުނެއެވެ.
އެހެންނަމަވެސް ޕްލޭން ކުރެވުނު ގޮތަށް އިވެކުއޭޝަންގެ ކަންކަން ކުރިއަށްނުގެންދެވުނީ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑައިވަރޓްނުކުރެވުމުންކަމަށް އާސަންދައިން ބުނެއެވެ.
އެހެން ދިމާވުމުން، އަލުން ޗާޓަރޑް ފްލައިޓެއް އިންތިޒާމްކޮށް ކޫއްޑޫ އެއާޕޯޓުން ބުރާސްފަތި ދުވަހުގެ ހަވީރު 16:35 ގައި ފުރައިގެން ކުއްޖާ މާލެ ގެނެވުނީ އެ ދުވަހުގެ ހަވީރު 17:15 ގައިކަމަށް އާސަންދައިގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހާދިސާއާއި އިންޑިއާގެ ޑޯނިއާ ބޯޓާ ގުޅުވައި ބައެއް ފަރާަތްތަކުން ވާހަކަ ފަތުރާތީ، މީގެ ތިން އަހަރު ކުރިން ފެށިގެން މިހާތަނަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!