ހޮންކޮންގް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފި

photo_2024-01-20_12-02-21

ޗައިނާގެ އެއާލައިނެއް ކަމުގައިވާ ހޮންކޮންގް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފިއެވެ.

ހޮންކޮންގް އެއާލައިންގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާ ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި އެއާލައިނުން ރާއްޖެ އައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ބޮޑުބެރާއެކު، ރަތް ފިނިފެންމަލުގެ މަރުހަބާއެއް ކިއެވެ. މި އެއާލައިނުން މިފަހަރު ރާއްޖެ އައިސްފައިވަނީ 209 ފަތުރުވެރިންނެވެ.

ހޮންކޮންގް އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމާ ގުޅިގެން އެ އެއާލައިންގެ ދަތުރުތައް ހަފްތާއަކު ތިން ދުވަހު ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި އެއާލައިނުން ބޭނުންކުރާނީ އެއާބަސް އޭ330 މަރުކާގެ ބޯޓުތަކެކެވެ. އެއީ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން އާއި އެމްއޭސީއެލް އާއި އެމްއެމްޕީއާރުސީ އަދި އިމިގްރޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހޮންކޮންގް އެއާލައިންއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފެށީ 2011 ގައެވެ. އޭރު ރާއްޖެއަށް ކުރީ ޗާޓަރު ދަތުރުތަކެކެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ތެރޭގައި އެ އެއާލައިނުން ވަނީ ޝެޑިއުލް ދަތުރުތަކެއް ރާއްޖެއަށް ފަށައިފައެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން އެ ދަތުރުތައް މެދުކަނޑާލަން ޖެހުނެވެ.

ހޮންކޮންގް އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމާއެކު ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ވަނީ ހަތަރަކަށް އިތުރުވެފައެވެ. އެއީ ހޮންކޮންގް އެއާލައިން، ޝިޗުއާން އެއާލައިން، ޗައިނާ އީސްޓަން އަދި ބެއިޖިން ކެޕިޓަލް އެއާލައިނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *