އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކުފެނުނު މައްސަލާގައި ތުހުމަތުވާ ސްރީލަންކާގެ އަންހެންމީހާގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން މިއަދު ވަނީ އެމީހާގެ މައްޗަށް ތުހުމަތުވާ އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.
ޕީޖީ އޮފީހުން ބުނީ 3 ޑިސެންބަރު 2023 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮތް ކުއްޖަކު ފެނިފައިވާ މައްސަލައިގައި ސްރީލަންކާ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ތިން ދަޢުވާއެއް ކުރުމަށް 16 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމީހާގެ މައްޗަށް އުފުލުމަށް ކްރިމިނަލް ކޯޓަށް ފޮނުވި ދަޢުވާތައް
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި ޙަވާލާދީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ.
ދަޢުވާ ކުރި ސަބަބު: ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ.ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު ޢަމަލުކޮށް ކުއްޖާ މަރާލާފައިވާތީ.
މި ކުށަށް ކަނޑައެޅިފައިވާ އަދަބު: 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުގައި ބަންދުކުރުން.
2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން, ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ.
ދަޢުވާ ކުރި ސަބަބު: ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެއިނީއްސުރެ، ކުއްޖާގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީ އާއި، އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ހޮސްޕިޓަލަށް ނުގޮސް، ވިހެއުމަށް ސިއްހީ ފަރުވާ ލިބޭ ތަނަކަށް ދިއުމުގެ މަގު ފަހިވެފައިވަނިކޮށް އެ ފުރުޞަތުގެ ބެނުން ނުކޮށް، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، ޞިއްޙީ ގޮތުން އެކަށީގެންނުވާ ގޮތަކަށް އދ.ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނާގައި ހުރި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، މިކޮތަޅު އދ. ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް އެއްލާލައި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ، އެކުއްޖާގެ ޞިއްޙަތާއި، ރައްކާތެރިކަމާއި، މަޞްލަޙަތަށް އުނިކަން އަންނާނެ ޢަމަލުތައް ޤަޞްދުގައި ހިންގައިފައިވާތީ.
މި ކުށަށް ކަނޑައެޅިފައިވާ އަދަބު: 3 އަހަރަށް ޖަލަށް ލުން.
3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން, އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާ.
ދަޢުވާ ކުރި ސަބަބު: ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ.ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު ލައ، ކުއްޖާ މަރުވިކަން އެނގިހުރެ އެކަން ފޮރުވާފައިވާތީ.
މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބު: 9 މަހާއި 18 ދުވަހަށް ޖަލުގައި ބަންދުކުރުން.
އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިގެން އެރަށުގައި ފުލުހުން ހަރަކާތްތެރިވާން ފެށީ 3 ޑިސެމްބަރު 2023 ދުވަހުގެ ހެނދުނެވެ. އެ ކުއްޖާ ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ އެ ދުވަހު ހެނދުނު 9:20 ގައެވެ.
އެ ކުއްޖާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔުމުން، އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ވަނީ ފުލުހުންނަށް މައުލޫމާތު ދެއްވާފައެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ސްރީލަންކާގެ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް ހައްޔަރުކުރީ ދިގުރަށުން މާލެ އައިސް، ސްރީލަންކާ އަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ހުއްޓައި އެދުވަހުގެ ހަވީރުއެވެ. އެއީ އެރަށުގެ ގެސްޓުހައުސްއެއްގައި ވަޒީފާގައި އުޅުނު މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!