ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީ 27 ގައި ބާއްވަން އެ އިއްތިހާދުން ނިންމައިފިއެވެ.
މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ނަމަވެސް 15 ޑިސެމްބަރު 2023 ގައި އެ ތާރީޚް ފަސްކޮށް ޖެނުއަރީ 20 ގައި ބާއްވަން ތާރީޚަށް ބަދަލުގެނައެވެ.
ޕްރޮގްރެސިވް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ އައު ތާރީޚް ޢިއުލާންކުރިއިރު، މި ޕްރައިމަރީގައި ވޯޓު ލެވޭ އެ އިއްތިހާދުގެ މެންބަރުންގެ ލިސްޓް ވެސް ވަނީ ޢާންމުކޮށްފައެވެ.
މި ލިސްޓް އެ އިއްތިހާދުގެ ޕީއެންސީގެ ވެބްސައިޓްގައި ( www.pnc.mv ) ގައި ޢާންމުކޮށްފައިވާއިރު، ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، މައްސަލައިގެ ތަފްސީލާއެކު ލިޔުމުން 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ހުށަހަޅަން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
އެ އިއްތިހާދުން ބުނީ އެ ތާރީޚްގެ ފަހުން ހުށަހަޅާ އެއް ވެސް ޝަކުވާއެއް ބަލައިނުގަންނާނެ ކަމަށެވެ.
ޕްރޮގްރެސިވް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ނުއަރީ 27 ގައި ބާއްވަން އެ އިއްތިހާދުން ނިންމިއިރު، އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވަން މިހާރު ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.
މި އަހަރު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!