ބޮޑެތި ހަރަދުކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ކިޔަން ފެށި "އާބަންކޯ" ގެ ނަން ބޭނުންކުރުން ހުއްޓާލަން އެ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވަނީ މިކަން “ތިލަދުން” އަށް ކަށަވަރުކޮށްދީފައެވެ. އާބަންކޯ ކިޔުން ހުއްޓާލުމަށްފަހު ކުރިއެކޭ އެއްގޮތަށް އެޗްޑީސީ ކިޔަން މިހާރު ވަނީ ނިންމާފައެވެ.
އެޗްޑީސީގެ އޮފިޝަލު ވިދާޅުވީ އާބަންކޯ ކިޔުން ހުއްޓާލަން ނިންމީ އާންމުންނަށް ވަރަށް ބޮޑަށް އޮޅުން އަރަމުންދާތީ އެކަން ހައްލު ކުރަން ކަމަަށެވެ. އަދިވެސް ގާނޫނީ ގޮތުން އެ ކުންފުނީގެ ނަން ބަދަލު ނުކުރާ ކަމަށާއި ހުރިހާ ލިޔެކިޔުމުގައި ބޭނުން ކުރަނީ އެޗްޑީސީ ކަމަށް އޭނާ ވިދުވިއެވެ.
އެންމެފަހުން ހުޅުމާލޭގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އާބަންކޯއަކީ ނަމެއްގެ ގޮތުގައޖ ބަދަލުކޮށްފައި އޮތް ނަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނީ ގޮތުން އަދިވެސް އެއީ އެޗްޑީސީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަން ކޮށްފައިވަނީ ކޮންމެވެސް ފަރާތަކަށް ކޮންމެވެސް ބޮޑު ފައިސާގަނޑެއް ދިނުމަށް ކަމަށް ބެލެވޭ ކަމަށެވެ.
އާބަންކޯގެ ނަމަށް އެޗްޑީސީ ރީބްރޭންޑް ކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!