"ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅޭގޮތަށް ހަދައިފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ، "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅޭގޮތައް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.

Ad
rt

މި ބަދަލަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ''ހަފުތާ14''ގައިވާ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހިމަނާފައިވާ ލަނޑުދަނޑީގެ ދަށުން ކޮށްފައިވާ ކަމެއްކަމެއް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާފައި ވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީޫރު، މުހައްމަދު ދިލްޝާން އަބްދުﷲ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެ ރަށެއްގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ''ހަފުތާ14''ގައި ހިމެނޭ ކަމެކެވެ.

"ވަން ގަވް" އަކީ އާއްމުންނާ ސަރުކާރު ގުޅުވާލަދީ، ހިދުމަތްތައް ހޯދުމުގައި ލުއި ގޮތެއް ހޯދައިދިން ޕްލެޓްފޯމެކެވެ. "ވަން ގަވް" އިން ހިދުމަތްތަކާ ބެހޭ މައުލޫމާތު އެއްތަނަކުން ކިޔާލައި، އެޕްލިކޭޝަން ހުށަހެޅުމާއި އެޕްލިކޭޝަންގެ ޕްރޮގްރެސްތައް ޓްރެކުކުރުމުގެ އިތުރުން ހިދުމަތް ހޯދުމަށް ހޭދަވާ މުއްދަތު ވެސް ވަނީ ކުޑަކޮށްދީފަ އެވެ. މި ޚިދުމަތް ސަރުކާރުން ފަށާފައި ވަނީ 10 ޖުލައި 2023 ގައެވެ. ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ.