އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކެއް ހުޅުވައި، ގޭގައި ތިބެގެން ވެސް މެމޯ ހެއްދޭނެ އިންތިޒާމް ސަރުކާރުން މިއަދު ހަމަޖައްސައިދީފިއެވެ.
އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކް ހުޅުވައި، މެމޯ ހެދުމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް އެވެ.
އިސްރަށްވެހީންނަށް ޚާއްސަ ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ''ހަފުތާ14''ގައި ހިމެނޭ ކަމެކެވެ. މިއަދު ތަޢާރަފްކުރެވުނު މި ޚިދުމަތަކީ އެ މަގުޗާޓާއި އެއްގޮތަށް އިސްރަށްވެހީންނަށް ޚާއްސަ ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.
މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޚިދުމަތް ތަޢާރަފްކޮށްދެއްވުމަށްފަހު ސިއްޙަތާބެހޭ ވަޒީރު ޑރ. ޚަލީލް ދެއްކެވި ވަހަކާގައި މިކަމަކީ އިސްރަށްވެހިން ޒަމާންތަކެއް ވަންދެން ކުރަމުން އައި އުންމީދުތަކެއް ހަގީގަތަކަށް ވެގެން ދިޔުންކަން ފާހަގަކުރައްވައި، މިއަދު ތަޢާރުފްކުރެވުނު ޚިދުމަތުގެ ދަށުން އިސްރަށްވެހީންނަށް ޚާއްސަ ސަމާލުކަމެއް ދީގެން ޞިއްޙީ ޚިދުމަތް ދިނުން ކުރިއަށް ގެންދަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މި ކްލިނިކްގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރެއްވުމަކީ ރައީސް މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކަމަށާއި، މިޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ރައީސް ކަނޑައަޅުއްވާ ގޮތެއްގެ މަތިން ޞިއްޙީ ވުޒާރާއިން ކުރިއަށް ގެންދަވާނެކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.
އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކެއް ހުޅުވައި، ގޭގައި ތިބެގެން ވެސް މެމޯ ހެއްދޭނެ އިންތިޒާމް ސަރުކާރުން މިއަދު ހަމަޖެއްސި އިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ''ހަފުތާ14''ގައި އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ގާއިމުކުރުމަށް ވެސް ވަނީ ހިމަނުއްވާފައެވެ.
އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ޤުރުއާނާއިބެހޭ މަރުކަޒު ހިންގަމުންދިޔަ އިމާރާތުގައި ހުޅުވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ނިންމައި، ފުރަތަމަ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ޤާއިމުކުރައްވަނީ މުޖުތަމަޢުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި އިޖުތިމާޢީ ކަންކަމުގައި އިސްރަށްވެހިންނަށް ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، އެ މީހުންގެ ނަފްސާނީ، އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!