ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ކާގޯ ޓާމިނަލް މިއަދު ހުޅުވައިފިއެވެ.
އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެވެ.
ޖާގައިގެ ގޮތުން ތަނަވަސް އާ ކާގޯ ޓާމިނަލް ހަދާފައި ވަނީ ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި އެވެ. މިތަނަކީ ކުރީގެ ޓަމިނަލަށްވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ތަނެކެވެ.
ކުރީގައި ބޭނުންކުރަމުން އައި ޓާމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ޚިދުމަތްދެވޭ އިރު މި އައު ކާގޯ ޓާމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ޚިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެކަމަށް ސަރުކާރުން ބުނެއެވެ.
އައު ކާގޯ ޓަރމިނަލުގައި ކުރީގެ ޓަރމިނަލަށްވުރެ ގިނަ ވަޞީލަތްތައް ޤާއިމުކޮށްފައިވާއިރު އައު ޓަރމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ.
މި ތަނުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ ގައެވެ.
ވީއައިއޭގެ އާ ކާގޯ ޓާމިނަލް މިއަދު ހުޅުވިއިރު، 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ތަނަކަށް ވީއައިއޭ ހެދުމުގެ މަޝްރޫޢު 4 ޖެނުއަރީ 2024 ގައި ރައީސް މުޢިއްޒު ވަނީ އިފްތިތާހްކޮށް ދެއްވާފައެވެ.
މި ބިޔަ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތައް މިއަހަރު ފެށިގެންދާއިރު މުޅި މަޝްރޫޢުގެ ބޮޑުބައި މި ފަސްއަހަރުގެ ތެރޭގައި ނިންމައި 10 އަހަރުގެ ތެރޭގައި މަޝްރޫޢުގެ އެންމެބޮޑެތި މަސައްކަތްތައް ނިންމަވަން ރާވާފައިވާކަމުގައިވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!