ގިނަ އަދަދެއްގެ ދިވެހިން މިހާރު ދަތުރުކުރަމުން އަންނަ ތައިލެންޑުންނާއި، އަރަބި އިސްލާމީ ޤައުމެއްކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވުއެވެ.

Ad
rt

ރައީސް ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ ހިލޭ ބޭސްފަރުވާ، އާސަންދައަކީ ހަމައެކަނި ވަކި ޤައުމެއްގައި ހުންނަ، ވަކި މެޑިކަލް ފެސިލިޓީތަކުން ލިބޭ ޚިދުމަތެއްގޮތުގައި އޮތްއޮތުން ކުރިއަށް އޮތް ތަނުގައި ބަދަލުކުރައްވާނެ ކަމަށެވެ.

''އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީއަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން'' ރައީސް ވިދާޅުވިއެވެ.

އެއީ ރާއްޖެއާ ދުރު އަދި ބައެއް ހިދުމަތްތައް އަގު ބޮޑު ގައުމުތަކަކަށް ވުމުން އާސަންދަ ދޭނީ ހުރުމުގެ ހަރަދާއި އެ ނޫން ކަންކަން ފަހިކޮށް ދިނުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އާސަންދައިގެ ދަށުން ބޭރަށް ބޭހަށްދާ އެންމެ ބޮޑު އިންސައްތައެއް ދަތުރުކުރަނީ އިންޑިއާ އަށެވެ. މިގޮތުން އިންޑިއާގެ ކޮޗިންނާއި، ތިރިވަރަމްދަމް ޕޫރަމް އަކީ އެންމެ ގިނަ ދިވެހިން އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރާ އިންޑިއާގެ ދެރަށެވެ. މީގެ އިތުރުން ބެންގަލޫރާއި، ކޮއިމްޕަޓޫރާއި، މަދޫރާއި، ޗެންނާއި ފަދަ ރަށްތަކުން ވެސް އާސަންދަ ލިބޭގޮތް ހަދައެވެ. ސްރީލަންކާ އަށް ގޮސް އާސަންދަ ސްކީމުން ބޭސްކުރަނީ އިންޑިއާ އާއި އަޅާބަލާއިރު ކުޑަ އިންސައްތައެކެވެ.