ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ މީޑިއާ ޕާޓްނަރަކަށް "ތިލަދުން" ހަމަޖައްސައި، ރޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ މުބާރާތުގެ އިންޗާޖް މުހައްމަދު ޝައީދުއެވެ. ތިލަދުން މިޑީއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ސީނިއަރ ޖާނަލިސްޓް އިބްރާހީމް ޚަލީލްއެވެ.
މި މުބާރާތުގައި ބައިވެރިވާން ހއ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލި ފުރުޞަތުގެ ދަށުން ބައިވެރިވި ފަރާތްތަކުގެ މެދުގައި އޮޑިޝަން ބާއްވައި މިހާރު ވަނީ މުބާރާތަށް 20 ބައިވެރިން ހޮވާފައެވެ.
އަންނަ ރަމަޟާން މަހު ބާއްވާ މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގެ ކިޔެވުން އޮންނާނީ މި އަހަރުގެ މާޗް މަހުގެ 15 އަދި 16 ގައެވެ. ދެވަނަ ބުރުގެ ކިޔެވުން އޮންނާނީ މާޗް މަހުގެ 21 އަދި 22 ގައެވެ. މުބާރާތުގެ ފައިނަލް ކުރިއަށް ގެންދަން ރާވާފައި ވަނީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. ފައިނަލްގެ ފުރަތަމަ ކިޔެވުން މާޗް 28 ގައި ބާއްވާއިރު ގްރޭން ފިނާލޭ އޮންނާނީ ޖެހިގެން އަންނަ ރެއެވެ.
މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން "ދިއްދޫ އެންމެ އަލިގަދަތަރި" ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މި އަހަރު މުބާރާތް ކުރިއަށް ގެންދަނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.
މިޑްލް ސްޕޯޓްސް އިން ކުރިން ބޭއްވި ދެ މުބާރާތުގެ ހަބަރުތައް ވެސް ތިލަލުން އިން ވަނީ ގެނެސްދީފައެވެ. މި އަހަރު ތިލަދުން އިން މުބާރާތުގެ ބައިވެރިންގެ ޕްރޮފައިލް ގެނެސްދިނުމުގެ އިތުރުން، މުބާރާތާއި ގުޅުންހުރި ހުރިހާ ހަބަރެއް ވަރަށް ތަފްސީލްކޮށް ގެނެސްދޭނެއެވެ.
މި މުބާރާތަށް އަތޮޅު ތެރެއިން ދިއްދޫއަށް އަންނަ ބައިވެރިންގެ ދަތުރު ހަރަދާއި ހުރުމާއި ކެއުން ހިމެނޭހެން އެންމެހާ އިންތިޒާމްތައް މުބާރާތް ހިންގާ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް އެސްއެސް ޓީވީން ދައްކަން ހަމަޖެހިފައިވާއިރު، މުބާރާތުގެ ގްރޭން ފިނާލޭ ޝޯ އެސްއެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!