ޗައިނާ އިން ދިވެހިރާއްޖޭގެ ސިވިލްސާވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށް 1،000 ސްކޮލާޝިޕްގެ ފުރުޞަތު ފަހިކޮށްދީފިއެވެ.
އެކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ދިރިއުޅޭ ދިވެހިންނާ މިއަދު ކުރެއްވި ބައްދަލުކޮށްލެއްވުމުގައެވެ.
މިބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ބައިވެރިވެފައިވާއިރު ރައީސް މުޢިއްޒު ވަނީ ދަރިވަރުން ބޭރު ޤައުމެއްގައި ކިޔަވަމުންދާއިރު ކުރިމަތިވާ ދަތިތަކާއި، އެކުދިންގެ ތަޖުރިބާއާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާ ސަރުކާރުން ރާއްޖޭގެ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ސްކޮލާޝިޕްގެ ފުރުޞަތު ދެއްވާފައިވާކަމަށް ވަނީ ހާމަކުރައްވާފައެވެ.
މި 1000 ސްކޮލާޝިޕަކީ 5 އަހަރު ދުވަހަށް ބަހާލައިގެން ދެއްވުމަށް ނިންމާފައިވާ ސްކޮލާޝިޕްތަކެއްކަން ފާހަގަކުރައްވައި، މި ފުރުސަތުގެ ތެރެއިން ކޮންމެ އަހަރަކުވެސް 200 ދިވެހިންނަށް ފުރުޞަތު ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ބޭރު ޤައުމުތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި ބައިވެރިވި ފަރާތްތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައި ވަނީ މާދަމާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!