ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ އާ ޚާއްޞަ ބައްދަލުވުމެއް ކުރިއަށް ގެންދަވައިފިއެވެ.

އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދިންގޮތުގައި މި ބައްދަލުވުމުގައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަންކޮށްފައެވެ.

Ad
rt

މިގޮތުން މިކަމުގެ އަގުވަޒަންކޮށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ ވަޒީރު ޑރ. ތައުފީޤަށް ޚާއްޞަ ހަނދާނީ ލިއުމެއް މި ބައްދަލުވުމުގައި ދެއްވާފައެވެ.

މި ޚާއްޞަ ބައްދަލުވުމުގައި، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޝަހީމް ދެއްކެވި ވާހަކާގައި، ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތެއް ދަނީ ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ސައޫދީ ޙައްޖު ވުޒާރާއާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ޚިދުމަތް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މާތް ދެހަރަމްފުޅަށާއި ޙައްޖާއި ޢުމްރާއަށް ސައޫދީއަށް އަންނަ މީހުންނާއި މަދީނާ އަށް ޒިޔާރަތްކުރާ މީހުންނާ މެދު ބަހައްޓަވާ ދީލަތި ކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނަށް ވެސް ވަޒީރު ޝުކުރު އަދާކުރައްވާފަވެއެވެ.

މި ބައްދަލުވުމުގައި ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ދިވެހި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ ވަޒީރު އަރިހުގައި ޝަހީމް އެދިގަންނަވާފައިވާއިރު، އަދި ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރުކުރުމަށް ދިވެހި މީޑިޔާ އަށް ފުރުޞަތު ދެއްވުމަށް ވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދު ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާއިރު، އަދި ޙައްޖު އުމްރާ ޚިދުމަތް ފަސޭހަކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯއްދަވަން ރައީސް ޑރ މުޙައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޑރ. ޝަހީމް ވަނީ މި ބައްދަލުވުމުގައި އަލިއަޅުވާލައްވާފައެވެ.

ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޝަހީމް ވަނީ ސައުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ ވަޒީރު ޑރ ތައުފީޤަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށް މި ބައްދަލުވުމުގައި ދައުވަތު ދެއްވާފައެވެ. އަދި ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަޤުރީރެއް ކުރެއްވުމަށް ވެސް ދައުވަތު ދެއްވިއެވެ.