ފްރީ ޓްރޭޓް އެގްރިމެންޓުގެ ދަށުން އެންމެ އިސްކަމެއް ދޭން ބޭނުންފުޅުވާ ކަމަކީ، މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ދެ ކަނބަލުންނާއި އާއި ސަރުކާރު މަތީ ފަންތީގެ ވަފުދެއް މި މަހު 7 ވަނަ ދުވަހުން ފެށިގެން އަންނަނީ ޗައިނާ އަށް ފުރައްމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ.

Ad
rt

މި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށެވެ.

ޚާއްޞަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު މި އެއްބަސްވުމުގެ ދަށުން އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާޞިލްކުރަން ބޭނުންފުޅުވާކަމަކީ ވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.