ގުޅިގެން އެކުގައި މަސައްކަތްކޮށް ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ޤައުމުގެ ސަރުކާރާއި އަދި ދެ ޤައުމު ހިއްސާވާ ވިޔަފާރިތަކާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ފެށުނު އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވެސް ދިވެހިރާއްޖެއާއި ޗައިނާގެ ގިނަ ވިޔަފާރިތަކެއް ތަމްސީލު ވެގެންދާކަން ފާހަގަކުރައްވައި، ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވިދާޅުވިގޮތުގައި، ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމެވެ. އަދި އެ ޤައުމަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. މިގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ވާހަކަފުޅުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވައި، އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!