ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަންނަވައިފިއެވެ.

މި ސަރުކާރާއި ޚާއްޞަ ގުޅުމެއް ބާއްވަމުން އަންނަ ޗައިނާ އަށް ރައީސް ރޭ ފެއްޓެވި ފުރަމާނަ ދަތުރުފުޅުގައި މިއަދު އެ ޤައުމަށް ވަޑައިގެންނިވިއިރު، އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެއެވެ.

Ad
rt

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކެވެ.

ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފުދު ޗައިނާއަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ވަނީ މަރުހަބާ ދަންނަވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ވެސް ބާއްވާނެއެވެ. މިގޮތުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުން ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ޗައިނާގެ ފޫޖޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަނަވާގޮތަށް ހަމަޖެހިފައިވާއިރު، އެ ޤައުމުގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މިއީ ރައީސް ޑރ. މުޢިއްޒު، 17 ނޮވެމްބަރ 2023 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ދަތުރުފުޅެއް ކުރައްވާފައިވަނީ މިދިޔަ 2023 ވަނަ އަހަރުގެ ނޮވެމްބަރު ފަހުކޮޅު އަރަބި އިސްލާމީ ޤައުމެއްކަމަށްވާ ތުރުކީ ވިލާތަށެވެ.