އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި މިއަދު ބައްދަލުކުރާނީ ރިއަލް ސްޓާރސްްއާއި، ޝީލްޑެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މިބުރާތުގެ ފައިނަލް މެޗު މިއަދު ކުޅޭނީ، ހަވީރު 15:45 ގައި ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
މިއަދުގެ މެޗާ ބެހޭގޮތުން ރިއަލް ސަޓާރސްގެ ކޯޗު، އަޙުމަދު އަޝްރަފް ތިލަދުންނާ ވާހަކަ ދައްކަމުން ބުނީ، މެޗާމެދު ސަތޭކަ ޕަސަންޓް ޔަގީންކަން އެބައޮތް ކަމަށާއި، މެޗް ކާމިޔާބު ކުރާނެ ކަމަށެވެ.
މިއަދުގެ މެޗާ ބެހޭގޮތުން ޝީލްޑްގެ ކޯޗު، މުޙައްމަދު ނާސިރު ތިލަދުންނާ ވާހަކަ ދައްކަމުން ބުނީ މެޗު ނިންމާފައި ފައިބާނީ މޮޅުވެގެން ކަމަށެވެ. ނާސިރަކީ ދިވެހި ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ޑިފެންޑަރެކެވެ. އަދި ޤައުމީ ޓީމުގެ ތަޖުރިބާގެ އިތުރުން ފުރަތަމަ ޑިވިޒަންގެ ތަޖުރިބާ ހޯދާފައިވާ، ހަނިމާދޫއަށް ނިސްބަތްވާ ކުރީގެ ކުޅަދާނަ ޑިފެންޑަރެކެވެ.
މިމުބާރާތުގެ ފައިނަލަށް ޝީލްޑް ދަތުރުކުރީ، ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި، ޔޫތު ފުރެންޑްސް އާއި ކުޅެ މެޗު 1-1 ލަނޑުގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެމެޗަށް ނުކުތްއިރު ޔޫތު ފުރެންޑްސްއަށް ސެމީގެ ޖާގަ ކަށަވަރުވާން އޮތީ މެޗުން މޮޅުވެގެންނެވެ. ނަމަވެސް ޝީލްޑަށް މެޗް އެއްވަރުވެ، ޕޮއިންޓެއް ލިބުނުނަމަވެސް ފައިނަލަށް ދެވެން އޮތުމާއެކު، ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވީއެވެ.
ރިއަލް ސްޓާރސްްއިން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އަހުލީގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ.
މިއަދުގެ ފައިނަލަށް ރިއަލް ސްޓާރސްއިން ނުކުންނަނީ، މުބާރާތުގެ ތަށި ދިފާއު ކުރުމަށެވެ.
މި މުބާރާތަކީ ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!