ތަރައްގީ ކުރަން ޖެހޭނީ ހަމައެކަނި މާލޭގެ މަގުތައް އެކަނި ނޫން ކަމަށާއި ހުޅުމާލެ އާއި ވިލިމާލޭގެ މަގުތައް ވެސް ތަރައްގީ ކުރަން ޖެހޭ ކަމަށް މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "މޭޔަރު ބަހުސް 2024″ އާޒިމާ ވިދާޅުވީ މާލޭގެ ހުރިހާ މަގެއް އަލުން ހެދުމާއި ފެންހިންދުމުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި އަދި ކަރަންޓުގެ ކޭބަލްތަކަށް އަލުން ހޮޅި ވަޅުލާ، މުޅި މާލޭގެ ސަރަހައްދަށް އަލުން ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

Ad
rt

މާލެއެކޭ އެއްގޮތަށް ހުޅުމާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މުހިންމު ކަން ވެސް އާޒިމާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކީ ހަމައެކަނި މާލެއެއް ނޫން، ވިލިމާލެ ވިޔަސް ހުޅުމާލެ ވިޔަސް އަޅުގަނޑުމެންގެ ޒިންމާއެއް އެއީ، ހުޅުމާލެ ފޭސް އެކަކީ ސްޓޯމް ވޯޓާ ޑްރައިނޭޓް ސިސްޓަމާއެކު ހެދި ތަނެއް، މިދިޔަ ފަސް އަހަރު މެނޭޖް ނުކުރެވިގެން ގޮސް މިހާރު ރަނގަޅަށް ވާރޭވެހި ލައިފިއްޔާ ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާނެ. ކާކުތޯ ޒިންމާ ނަގަނީ؟" އާޒިމާ ސުވާލު ކުރެއްވިއެވެ.

"ހުޅުމޭލެ ފޭސް ދޭއްގައި މިހާރު ހުރި މަގުތަކުގެ ވެސް ހަނިކަމަށް ބަލާފަ، އެއަށްވުރެން ރަނގަޅު ހައްލުތައް ވެސް އަޅުގަނޑުމެން ހޯދަންޖެހޭ. ވިލިމާލޭގެ މަގުތައް ވެސް އެހެރީ އެންމެ ފުރަތަމަ ގައު އަޅާފަ، ހެދި ގޮތަށް. ވިލިމާލޭގެ މަގުތައް ވެސް އަލުން ހެދުމުގެ ޕްލޭނެއް އިއުލާންކުރާނެ."

މާލޭގެ ހުރިހާ މަގުތަކެއް ހެދުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށާއި އެ މަސައްކަތް ކުރާނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.