އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސްތިބި ދިވެހި އުމްރާ ވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
ހައްޖު އެންޑް ޢުމްރާ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށާއި ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ޝަހީމް އިއްޔެ ވަނީ ސައޫދީ އަރަބިއްޔާގެ މައްކާ އަށް ވަޑައިގެންފައެވެ.
މި ރަސްމީ ދަތުރުގެ ތެރެއިން ޝަހީމް ވަނީ އްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސްތިބި ދިވެހި އުމްރާ ވެރިންގެ ވާހަކަތައް ވަރަށް ގާތުން އަޑުއައްސަވައިފައިކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.
ޝަހީމް ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ހައްޖާއި އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް އެ އުމްރާވެރިންގެ ގާތުގައި ވިދާޅުވެފައި ކަމަށް ވެސް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.
މި ބައްދަލުވުމުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި، ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓާއި ހައްޖުކޯޕަރޭޝަންގެ އިސްބައެެއް ބޭފުޅުން ބައިވެރިވިއެވެ.
ޝަހީމް ސައޫދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާގޮތައް ހަމަޖެހިފައިވާއިރު، ހައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ޤައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ދާއިރާގެ ކަންކަމުގައި އެފަރާތްތަކުގެ ފަންނީ އަދި މާލީ އެއްބާރުލުންހޯދުމާގުޅޭގޮތުންނާއި، ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ރައީސް ޑރ. މުއިއްޒު އިރުޝާދު ދެއްވާފައިވާތީވެ އެކަމާ ގުޅިގެން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް މިދަތުރާއިގުޅޭގޮތުން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!